މީރާއިން ވޫޖޫދުގައި ނުވާ ކަންތައްތަކަކަށް ރިޔާއަތްކޮށް ގިނަ އަދަދެއްގެ ފައިސާތަކެއް ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނުމަކީ ވިލާ ގްރޫޕުގެ ކުންފުނިތަކުގެ އަގުވައްޓާލުމަށް ކުރާ ކަމެއް ކަމަށް ވިލާ ގްރޫޕުން ބުނެފި އެވެ.
ވިލާ ގްރޫފުގެ ފަސް ކުންފުންޏަކުން ޖުމްލަ 116 މިލިއަން ޑޮލަރު ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ވަނީ އެކުންފުނިތަކާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްފެނީ ޕްރައިވެޓް ލިމިޑެޓާއި ވިލާ ހޮޓެކްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ހޮލިޑޭޒް ޕްރައިވެޓް ލިމިޑެޓާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓް އަދި މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ޓެކްސް ފައިސާ ހޯދުމަށް ވަނީ ސިވިލްކޯޓަށް ގޮސްފަ އެވެ.
މި ފަސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ދެންނެވިފައިވާ ފަސް ކުންފުންޏާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ކުރެވިފައިވަނީ ވަކި ފަސް އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުއްޔަށް ރަށްތަކާއި ފަޅުތަކުން ކުލި ދައްކަންޖެހޭ މުއްދަތު ހަމަ ނުވަނީސް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތު ވެސް ހަމަނުވަނީސް އެއްބަސްވުމާ ހިލާފަށް 2015 ވަނަ އަހަރުގެ ފެބްރުއަރީގައި ފަސް ވަަނަ ދުވަހުގައި ޓޫރިޒަމް މިނިސްޓްރީ ފޮނުވި، ސިޓީތަކުން އެއްބަސްވުންތައް ބާތިލު ކުރެއްވިކަން އެންގެވުމާ ގުޅިގެން ކުންފުނިތަކުން ޓޫރިޒމް މިނިސްޓްރީއާއި ދެކޮޅަށް މައްސަލަަތައް ރާއްޖޭގެ ޝައުރީ ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަތައް ހިނގަމުންދާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލަ ތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ކަނޑަނާޅާ ކަަމަށާއި ކޯޓުމަރުހަލާގައި އެއްބަސްވުންތައް ބާތިލް ކުރި މައްސަލަ ނުނިމެނީސް މީރާއިން ވުޖޫދުގައި ނުވާ ކަންތައްތަކަކަށް ރިޔާއަތްކޮށް ގިނަ އަދަދެއްގެ ފައިސާތަކެއް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ބުނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް މި ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.
އެ އަދަދަށް ފައިސާ ދައްކަން އަންގައި ބޭންކު އެކައުންޓްތައް ހިފަހައްޓައި ދައުލަތުން ދޭ ޚިދުމަތްތައް ހުއްޓާލައި ސިވިލްކޯޓަށް މައްސަލަތަކެއް ހުށަހަޅައި އެމައުލޫމާތު މީޑިޔާތަކުގައި ފަތުރަމުން ދިޔުމުގެ ސަބަބުން އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަންވެސް މި ބަޔާނުގައި ފާަހަގަކޮށްފައިވެ އެވެ. އަދި މިއީ ވިލާ ގްރޫޕުގެ ވިޔަފާރިއަށް ގެންލުންދިނުމުގެ ގޮތުން ހިންގާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ވިލާ ގްރޫޕުގެ ކުންފުނިތަކުގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިން ކުންފުންޏަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ ޚިދުމަތްތައް ރާއްޖޭގައި ދޭ ކުންފުންޏަކަށް ވުމާއެކު މިރާއިން އަމަލު ކުރަމުންދާ ގޮތުން ކުންފުނީގެ ވިޔަފާރި އާއި މުވައްޒަފުންނަށް ބޮޑެތި ދަތިތަކާއި ކުރިމަވާކަން އެކުންފުނިން ވަނީ ފާޙަގަކޮށްފަ އެވެ.
ވިލާ ގްރޫފުގެ މިބަޔާނުގައި ބުނެފައިވަނީ ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެކު ވިލާގެ ކުންފުނިތަކުން ހެދިފައިވާ އެއްބަސްވުންތަކުގައި ދައުލަތަށް އެއްވެސް ފައިސާއެއް ދިނުމަށް ފާހަަގަ ކޮށްފައިވާ އެއްވެސް ރަށަކާއި ނުވަަތަ ފަޅަކާއި ގުޅިގެން މިއަދާ ހަމައަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ކުލި ދައްކަންޖެހެނީ ރިސޯޓު ހަދައި ހިންގަން ފެށުމުން ނުވަތަ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމުންކަމަށް ވިލާ ގްރޫޕުން ބުނެފައިވެއެވެ. އެގޮތުން ކޮންސްޓްރަކްޝަން މުއްދަތު ހަމަވެގެން ކުލި ދައްކަން ފަށަން ޖެހެނީ އެއްބަސްވުމުގައި ވާގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ފަޅު ރަށުގެ ކުލި ދައްކަން ޖެހެނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ކަމަށް ވިލާ ގްރޫޕުން ބުނެ އެވެ.
މީގެ އިތުރުން އެޑްވާންސް ކުލީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް ވިލާ އިން ބުނެ އެވެ. އެޑްވާސްކޮށް ކުލި ދައްކާފައިވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތުން ރަށްތަކާއި ފަޅުތައް ތަަރައްގީ ކުރުމަށް ކުންފުނިތަކަށް ފުރުސަތު ބަންދުވެފައިވާ ކަމަށް ވެސް ވިލާ ގްރޫޕުން ބުނެ އެވެ.
ވިލާ ކުންފުނިން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ތިން ކުންފުންޏަކުން 1.9 ބިލިޔަން ރުފިޔާ ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.