ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް" އަކީ ދެގައުމުގެ އިތުބާރުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް"އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައި ވިދާޅުވީ މި ބްރިޖަކީ ހަމައެކަނި ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ރަމްޒެން ނޫން ކަމަށެވެ، އޭގެ އިތުރަށް ވެސް މި ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ދެގޮތެއްނުވާ ގާތް ރަޙުމަތްތެރިކަމާއި، ދެގައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ބްރިޖަކީ ތަރައްގީ އާއި ތަނަވަސްކަމަށް ޗައިނާ އާއި ރާއްޖޭގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެ ހެއްކެއް ކަމުގައެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މި ބްރިޖްގެ އިންޖިނިއަރިންގގެ ކާމިޔާބީ ފާހަކުރައްވައިވާފައެވެ.
30 އޯގަސްޓް 2018 ވަނަ ދުވަހު ހުޅުވިގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 6 އަހަރު ފުރުން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިން ވިދާޅުވީ ބްރިޖުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާވަމުންދާ ކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ވެސް ގިނަ މަންފާތަކެއް ލިބޭ ކަމަށެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ މިފަދަ އިތުރު މަޝްރޫއުތައް ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑްގެ އިނިޝިއޭޓިވްގެ ސަބަބުން އަދި ދެގައުމުގެ ގާތް ގުޅުމުގެ ސަބަބުން ދިވެހިންނަށް ލިބުނު ކުރިއެރުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއެކެވެ. އޭރު ހައުސިން މިނިސްޓަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު، ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މުއިއްޒުގެ ދައުރު ވަރަށް ބޮޑު ކަމަށް މިސަރުކާރުގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް ބްރިޖުގެ ބައެއް ލޭންތައް މަދު ކަމަށްބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒަށް ވަނީ އަމާޒުވެފައެވެ.
ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.