އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އާއި ގުޅިގެން މ. ކުނޫޒް ހުންނަ މަގު ބަންދުކޮށްދީ، ސަލާމަތީ ކަންކަން ބަލަހައްޓައި ދިނުމަށް އެމްޑީޕީގެ ފަރާތުން އެދުމުން ހައުސިންގ މިނިސްޓްރީގެ ހުއްދައަށް ހުށަހެޅުމަށް ފުލުހުން އަންގައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއި ކުރައްވާ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ، ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް މަގު ބަންދު ކޮށްދީ ސަލާމަތީ ކަންކަން ބެލެހެއްޓި ފަދައިން، އިދިކޮޅު ސިޔާސީ ޕާޓީތަކުން މިރޭ 21:15 ގައި މ. ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ހިނގަމުންދާ ވަގުތު ކުނޫޒް ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް އެ ސަރަހައްދުގެ ސަލަމާތީ ކަންކަން ބަލަހައްޓައި ދިނުމަށެވެ.
އިދިކޮޅު ފަރާތްތަކުން ކޮމިޝަނަރު އޮފް ޕޮލިސް އަރީފަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ ހައުސިން މިނިސްޓްރީ އަށް ވެސް ފޮނުވާފައެވެ.
ޖަލްސާ ހިނގަމުންދާ ވަގުތު މަގު ބަންދުކޮށްދީ، ސަލާމަތީ ކަންކަން ބެލަހެއްޓުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކަންތައްތައް ހައުސިންގ މިނިސްޓްރީގެ ހުއްދައާއެކު ހުށަހެޅުމުން ހަމަޖެހިގެންދާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތައް ރޫޅާލައި، މީހުން ހައްޔަރުކުރަމުން ދަނިކޮށް، މަގު ބަންދުކޮށްގެން މަގުމަތީގައި ގޮނޑި ޖަހައިގެން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ޕީޕީއެމަށް ދީފައިވާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެއްބަޔަކު ބުނަމުންދަނީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އެއްވެސް ކަހަލަ ހަމަހަމަކަމެއް އަދި އިންސާފުވެރިކަމެއް ވެސް ނެތް ކަމަށެވެ.
ޕީޕީއެމްގެ ހަރަކާތަށް ފުރުސަތު ދިނީ ކޮން އުސޫލެއްގެ ދަށުންތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް ފުލުހުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން އިންތިޒާމް ކުރުމާއި ރޭވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް މަގުމަތީގައި ހަރަކާތްތައް ނުބޭއްވޭއިރު، ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ވެސް އިދިކޮޅު ފަރާތްތަކަށް ދުލެއް ނުކުރެއެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދި ފޮނުވި ސިޓީތަކަށް ހައުސިންގ މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.
ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ވެސް ދަނީ ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.