ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 12:50
އިޒްރޭލު ސިފައިން ވެސްޓް ބޭންކުގައި ރެއިޑް ކުރަނީ
އިޒްރޭލު ސިފައިން ވެސްޓް ބޭންކުގައި ރެއިޑް ކުރަނީ
ރޮއިޓާސް
ފަލަސްތީން - އިޒްރޭލް ހަނގުރާމަ
ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ 5 މީހުން ޝަހީދު ކޮށްލައިފި
އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް ގެ މުވައްޒަފުން ޣައްޒާގެ އެތެރޭގެ ދަތުރުފަތުރު ހުއްޓާލައިފިއެވެ.

ހުޅަނގު އައްސޭރީގެ ތުލްކަރަމް ގެ މިސްކިތަކަށް އިޒްރޭލު ސިފައިން ހަމަލާ ދީ އެ މިސްކިތުގައި ތިބި 5 މީހަކު ޝަހީދު ކޮށްލައިފިއެވެ.

މިހަމަލާ އާ ބެހޭ ގޮތުން އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގައި ކުރިއަށްގެންދިޔަ "ޓެރަރިޒަމާ ދެކޮޅު" އޮޕަރޭޝަނުގައި ފަލަސްޠީނުގެ 5 ހަނގުރާމަވެރިން މިސްކިތެއްގެ ތެރޭގައި ފޮރުވިގެން ތިއްބާ މަރާލައިފައިވާ ކަމަށެވެ. ހުޅަނގު އައްސޭރިއަށް އަރާ އިޒްރޭލު ސިފައިން ދެމެންދާ ހަމަލާތަކުގެ ދެވަނަ ދުވަހަށް އެޅިފައިވާއިރު ޖުމްލަ 14 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

ބުދަ ދުވަހު އިޒްރޭލް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ، ތުލްކަރަމް، ޖެނިން އަދި ތުބާސް ސިޓީތަކަށް އެއްފަހަރާ ހަމަލާދީ ފަލަސްތީނުގެ 9 މީހުން ޝަހީދު ކޮށްލައިފައެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ދޭ ހަމަލާތައް ކުއްކި އަކަށް އިތުރުވެފައިވާއިރު ޣައްޒާ އަށް ދެމުންދާ ހަމަލާތަކަށް ވެސް މެދުކެނޑުމެއް ނާދެއެވެ.

އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ މުވައްޒަފުން ޣައްޒާގެ އެތެރޭގެ ދަތުރުފަތުރު ހުއްޓާލައިފި ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ. އެ ޖަމްއިއްޔާ އިން ބުނީ ދަތުރުތައް ހުއްޓާލީ "ސާފުކޮށް އދ ގެ އިންސާނީ އެހީގެ އުޅަނދެއްކަން ފާހަގަ ކޮށްފައިވަނިކޮށް" ޗެކް ޕޮއިންޓެއްގައި އިޒްރޭލް ސިފައިން މަދުވެގެން 10 ފަހަރު އެ ޖަމްއިއްޔާގެ މުވައްޒަފުން ދަތުރު ކުރާ އުޅަނދަށް ބަޑިޖެހުމާ ގުޅިގެން ކަމުގައެވެ.

އޭގެ އިތުރުން ޣައްޒާގެ މެދުތެރޭގައިވާ ދީރުލް ބަލާހުގެ އިރުމަތީގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް އިޒްރޭލުން އެންމެ ފަހުން ދިން ބޮމުގެ ހަމަލާގައި 8 މީހުން ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ޣައްޒާ ގައި ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40،534 މީހުން ޝަހީދުވެ، 93،778 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނު އިތުރަށް ސުންނާފަތި ވަމުންދާއިރު އެތަނުގެ އާބާދީގެ 2.4 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން މަދުވެގެން އެއްފަހަރު ނަމަވެސް ގެދޮރު ދޫކޮށް ދާންޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް