ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 16:42
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ
އަޒުމޫން އަހުމަދު
އަދީބުގެ ބޭސްފަރުވާ
އަދީބުގެ ބޭބޭފުޅު ނިޔާވީ ސިސްޓް ކެންސަރަށް ބަދަލުވެގެން، އަދީބުގެ ސިސްޓް ވެސް ހަމަ އެތަނުގައި!
އަދީބުގެ ބޭބޭފުޅު 2008 ވަނަ އަހަރު ނިޔާވީ ސިސްޓް ކެންސަރަށް ބަދަލުވުމުން
އަދީބު ކެންސަރަށް ޓެސްޓް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ
އާއިލާގައި ކެންސަރުގެ ބެކްގްރައުންޑް އޮތުމުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަށިގަނޑުގައި ސިސްޓް ނަގާފައިވަނީ ނިޔާވި ބޭބޭފުޅުގެ ހަށިގަނޑުގައި ވެސް ސިސްޓް އިން ތަނުގައި ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

އަދީބުގެ ބޭބޭފުޅު މުހައްމަދު ނަދީމް ނިޔާވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް 2008 ވަނަ އަހަރު އެވެ. އަދީބުގެ ހަށިގަނޑުގައި ވެސް ސިސްޓެއް ނަގާފައިވާއިރު އާއިލާއާއި ވަކީލުން ދަނީ ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް އާދޭސް ކުރަމުންނެވެ. އާއިލާގައި ކެންސަރުގެ ބެކްގްރައުންޑެއް އޮތުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. 

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ނަދީމްގެ މަރުގެ ސެޓްފިކެޓާއި ޑޮކްޓަރުންގެ ހުރިހާ ލިޔެކިޔުމެއް މުައައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އަދީބުގެ ބޭސްފަރުވާއަށް "އިންސާނިއްޔަތު ކަމެއް ނެތް" މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.

ނަޝްވާ ވިދާޅުވީ ކެންސަރުގެ އާއިލީ ބެކްގަރައުންޑެއް އަދީބު އޮތްއިރު، މިހާތަނަށް ވެސް އަދީބު ކެންސަރަށް ޓެސްޓް ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. ރާއްޖެއިން ބޭރުން ކެންސަރަށް ޓެސްޓް ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ފާހަގަކޮށް ނަޝްވާ ވަނީ އެ ފުރުސަތު ސަރުކާރުން ނުދޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބޭސްފަރުވާ ކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށް ބުނެ ނަޝްވާ  ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް ނަޝްވާއަށް އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެޗްއާރްސީއެމް އިން ބުނީ އަދީބުގެ ބަލި ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދިވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަޝްވާ ވިދާޅުވީ އާއިލާ އިން ބޭނުން ވަނީ އަދީބުގެ ކެންސަރ ސްކްރީނިން ޓެސްޓެއް ހަދަން ކަމަށާއި އެކަން ނުކޮށް ކިތަންމެ ވަރަކަށް އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނެޔަސް ސިސްޓަށް ދޭންޖެހޭ ފަރުވާ ދެވެމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ލޮލަށް ގްލުކޯމާ ޖެހިފައިވާއިރު، ރާއްޖެއިން ހެދެން ނެތް ދެ ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދު ކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ. ކޯޓުގައި އަދީބުގެ ދެ ޝަރީއަތެއް މިހާރު ވެސް ހިންގަމުންދާއިރު، މިފަހުން ވަނީ އިތުރު ނުވަ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 16:45
Abbas
Adheeb akee varah nubai amalu hingaafa huri meeheh. Eyna ah hama rangalhah kanthah vaan vi gothah evanee