ރައީސް ޔާމީންއަށް އޮތް ތާއީދު ދައްކާލުމަށް ކަމަށް ބުނެ ރާއްޖޭގެ 25 ރަށެއްގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ހދ. ކުޅުދުއްފުށީގައި ބޭއްވި ވެހިކަލް ބުރަށް ޓެކްސީތައް ނެރުނީ ލާރި ދީގެން ކަން ފަޅާ އަރައިފިއެވެ.
އެ ރަށުގެ އޮންލައިން ނޫހެއް ކަމަށްވާ، ކުޅުދުއްދުއްފުށީ އޮންލައިން އިން ޓެކްސީ ޑްރައިވަރުންނާ ހަވާލާދީ ހާމަ ކޮށްފައިވާ ގޮތުގައި ޓެކްސީ އަކަށް ގަޑިއަކަށް 200 ރުފިޔާގެ މަގުން ދެ ގަޑީއިރަށް ކާރަކަށް 400 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މި އިވެންޓަށް ކާރަކަށް ހަތަރު ސަތޭކަ ރުފިޔާ ލިބިފައިވާއިރު، ކާރުތައް ދަތުރު ކުރި އިރު އޭގައި ޑްރައިވަރު ފިޔަވާ އިތުރު މީހަކު ނެތް ކަމަށްވެސް ޑްރައިވަރުން ބުނެފައިވެއެވެ.
ދައުލަތުގައި މުދަލާ ތަކެތި ވަކި ފަރާތަކަށް މަންފާ ހޯދުމުގެ ގޮތުން ބޭނުން ކުރުމަކީ ކަރަޕްޝަންގެ ގޮތުގައި ބެލެވޭ އަމަލެއް ކަމަށް ވިޔަސް، ސަރުކާރުގެ ކުންފުނިތަކުގެ ވެހިކަލްތައް ޕީޕީއެމްގެ މި އިވެންޓުގައި ބައިވެރި ކޮށްފައިވާ ކަން ވެސް މި ނޫހުގައި ހާމަ ކޮށްފައި ވެއެވެ. މީގެ ތެރޭގައި، އެސްޓީއޯ، އެމްޕީއެލް، އެމްޑަބްލިޔުއެސްސީ، އަދި ފެނަކައިގެ ޕިކަޕްތައް ބޭނުން ކޮށްފައިވާ ކަމަށް ނޫހުގައި ބުނެފައި ވެއެވެ.
ޓެކްސީ ސެންޓަރު ތަކުން ކުޅުދުއްފުށިން މި އިވެންޓުގައި 20 ކާރު ބައިވެރިކޮށްފައި ވުމާއެކު، ހަމައެކަނި ޓެކްސީއަށް އަށް ހާސް ރުފިޔާ، ރައީސް ޔާމީނަށް ތާއީދު އޮތްކަން ދައްކާލުމަށް ނިކުތުމުން ލިބޭނެ ކަމަށް ބެލެވެއެވެ.
ރައީސް ޔާމީނަށް ތައީދު އޮތްކަން ދެއްކުމަށް ކަމަށް ބުނެ ބައެއް ރަށްރަށުގައި ބޭއްވި އިވެންޓުތަކުން ގިނަ އަދަދަކަށް ކުޑަކުދިން ނާއި ބިދޭސީން ބައިވެރިކޮށްފައިވެއެވެ.