ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 00:25
އިންޑިއާގެ ޖުމްލަ އިމްޕޯޓްގެ ގާތްގަނޑަކަށް 5 އިންސައްތަ އަކީ ރަން
އިންޑިއާގެ ޖުމްލަ އިމްޕޯޓްގެ ގާތްގަނޑަކަށް 5 އިންސައްތަ އަކީ ރަން
ގޫގުލް
އިންޑިޔާ-ޔޫއޭއީ މިނިވަން ވިޔަފާރި
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
2023-24 ގައި އިންޑިއާ އިން ރަން އިމްޕޯޓް ކުރި މިންވަރު 30 އިންސައްތަ އިތުރުވެ، 45.54 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.

އިންޑިޔާ-ޔޫއޭއީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 2024-25 ވަނަ އަހަރަށް ޔޫއޭއީން 160 ޓަނުގެ ރަން ލުއި ރޭޓެއްގައި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އިމްޕޯޓްކުރެވޭނެކަން ސަރުކާރުން ކަނޑައަޅައިފި ކަމަށް އޮފިޝަލަކާ ހަވާލާދީ އަންގާރަ ދުވަހު އިންޑިއާގެ މީޑިއާ އިން ބުނެފިއެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓް (ސެޕާ) ގެ ނަމުގައި މަޝްހޫރު މި އެއްބަސްވުން ރަސްމީ ކޮށް ތަންފީޒުކުރަން ފެށީ 1 މެއި 2022 ގައެވެ.

މި އެއްބަސްވުމުގެ ދަށުން، އިންޑިޔާއިން އެއްބަސްވެފައިވަނީ ޓެރިފް ރޭޓް ކޯޓާ (ޓީއާރްކިއު) ގެ ދަށުން އަހަރަކު 200 މެޓްރިކް ޓަނުގެ ރަން 1 އިންސައްތައިގެ ޓެރިފް ރޭޓުގައި ޔޫއޭއީން އިމްޕޯޓްކުރުމަށެވެ.

ވޭތުވެދިޔަ މާލީ އަހަރު އިންޑިޔާއިން 140 ޓަނުގެ ރަން އެތެރެކުރުމަށް ކަނޑައަޅާފައި އޮތް އިރު 2024-25 އަށް 160 ޓަނުގެ ރަން އިމްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އޮފިޝަލް ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިޔާގެ ރަނުގެ އިމްޕޯޓް، ދުނިޔޭގެ އިޤްތިޞާދީ ހާލަތުގެ ސަބަބުން 2024-25 ގެ އޭޕްރީލް-ޖުލައި މުއްދަތުގައި 4.23 އިންސައްތަ ދަށްވެ، 12.64 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައިވެއެވެ.

މި އަހަރުގެ ބަޖެޓް އެކުލަވާލި އިރު އިންޑިއާ ސަރުކާރުން ވަނީ ރަނާއި ރިހީގެ ކަސްޓަމްސް ޑިއުޓީ 15 އިންސައްތައިން 6 އިންސައްތައަށް ދަށްކޮށްފައެވެ.

2023-24 ގައި އިންޑިއާ އިން ރަން އިމްޕޯޓް ކުރި މިންވަރު 30 އިންސައްތަ އިތުރުވެ، 45.54 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ރަން އިމްޕޯޓް ކުރާ ގައުމަކީ ސްވިޓްޒަލޭންޑް އެވެ. އެ ޤައުމުގެ ހިއްސާއަކީ ގާތްގަނޑަކަށް 40 އިންސައްތައެވެ. ދެވަނަ އަށް އެންމެ ގިނައިން ރަން އިމްޕޯޓް ކުރާ ގައުމަކީ ގާތްގަނޑަކަށް 16 އިން ސައްތަ ހިއްސާ ކުރާ ޔޫއޭއީ އެވެ. އަދި ދެކުނު އެފްރިކާ ހިމެނެނީ ދުނިޔޭގައި ތިން ވަނަ އަށް އެންމެ ގިނައިން ރަން އިމްޕޯޓް ކުރާ ގައުމުގެ ގޮތުގައެވެ. ދެކުނު އެފްރިކާގެ 10 އިންސައްތަ އިމްޕޯޓަކީ ރަނެވެ.

އިންޑިއާގެ ޖުމްލަ އިމްޕޯޓްގެ ގާތްގަނޑަކަށް 5 އިން ސައްތަ އަކީ މި އަގުބޮޑު މައުދަން ކަމަށް އިންޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް