ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 20:17
ފެނައިގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ފެނައިގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ފެނަކަ
ފެނަކަ ހިންގުމަށް ބަދަލު ގެނައުން
ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް
މިކަން ކުރާއިރު ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނޭ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް ދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހޯމަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭ ކަމަށެވެ.

"އަދި މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދަވައި، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ. 

ފެނަކަ އަކީ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ހޯމަ ދުވަހު ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދިއްތަ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.          

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް