Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 19:17
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މުހައްމަދު ޝަރުހާން
ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތް
ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މުއާމަލާތްތަކުގެ ލިމިޓަށް ގެނައި ބަދަލު މުރާޖާކުރަން އެމްއެމްއޭއިން އަންގައިފި
ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް ގެނެސްފައިވާ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ، މި ބަދަލު މުރާޖާ ކުރުމަށް އެ ބޭންކަށް އަންގާފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް މިއަދު ގެނެސްފައިވާ ބަދަލު މުރާޖާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބީއެމްއެލްއަށް އިރުޝާދު ދީފިއެވެ.

އެމްއެމްއޭއިން އާދިއްތަ ދުވަހު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް ގެނެސްފައިވާ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ، މި ބަދަލު މުރާޖާ ކުރުމަށް އެ ބޭންކަށް އަންގާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި، މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެމްއެމްއޭއިން ވަނީ ބީއެމްއެލްއާ ބައްދަލުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

މި ބައްދަލުވުންތަކުގައި، ކޮވިޑް-19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބީއެމްއެލްއިން ފާހަގަކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

Advertisement

މީގެއިތުރުން، ކޮވިޑް-19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިންގ ނިޒާމުގައި ސަރޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާ ގައި ކަމަށާއި މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން ފާހަގަކުރަމުން އެމްއެމްއޭ އިން ބުނީ މިގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައި ކަމަށެވެ. އެމްއެމްއޭ އިން ބުނެފައިވާ ގޮތގައި މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައެވެ. އެހެން ކަމުން އެމްއެމްއޭ އިން ދެކޭ ގޮތުގައި މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް ވަނީ ބުނެފައިވެއެވެ.

އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ފާހަގަ ކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި، އަދި 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ. ހަމަ އެއާއެކު މިއަހަރުވެސް މި އަދަދު ވަނީ އިތުރުކޮށްފައިވާ ކަމަށާޢި މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭގެ ބަޔާނުގައި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރާ ކަމަށް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް