ޑޮލަރުގެ މުއާމަލާތައް ސަރުކާރުން ބޮޑު ބަދަލެއް އެވަނީ ގެނެސްފައެވެ. ކުރިން ރައްޔިތުންނާ އިގްތިސޯދީ މާހިރުން ދެއްކީ އެފަދަ ފިޔަވަޅެއް އެޅުން ކައިރި ކަމަށެވެ. އެވަރަށް ގައުމުގެ އިގްތިސޯދީ ހާލަތު ދަށްވެއްޖެ ވާހަކައެވެ. ސަރުކާރަށް މެނޭޖް ކުރަން ނޭނގިގެން ތެޅި ފޮޅޭ ވާހަކައެވެ. ނާށިގަނޑު ހިފައިގެން ގައުމުތަކުގައި ސަލާން ޖެހިއަސް ލޯލާރިއެއްވެސް ދިއްކޮށްލާނެ ބަޔަކު ނުވި ވާހަކައެވެ. ދައްކަންޖެހޭ ލޯނުތައް ދައްކަން ޖެހޭނެ ކަމާއި އެކަން މެނޭޖް ނުކުރެވިއްޖެ ނަމަ ނުކުންނާނެ ހާލުގެ ވާހަކަވެސް އެކިގޮތައް އެކި މީހުން ދެއްކިއެވެ.
އިގްތިސޯދީ މާހިރުން ދިޔައީ އިންޒާރު ދެމުންނެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށެވެ. ގޮތްދޫކުރުމަށެވެ. ހަރުދަނާ ރަނގަޅު ފިޔަވަޅުތައް އެޅުމަށެވެ. ޖަވާބުގައި ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ބަދަލުގައި އިގްތިސޯދީ ވާހަކަ ދައްކަމުންދިޔައީ ދެއިރު ދެގޮތަށެވެ. އެއްފަހަރު ބުނަމުން ދިޔައީ އިގްތިސޯދު ރަނގަޅު ކަމަށެވެ. ރިޒާވް އިންތިހާއަށް ބޮޑުކުރި ވާހަކައެވެ. ފައިސާ ޗާޕްނުކޮށް އެކަން ކުރެވުނުކަމަށްބުނެ އަތްޖަހާ ހަވާވެސް އެރުވީއެވެ. އިންޑިއާއާ ވާހަކަ ނުދައްކާން ވެގެން އަހާލުމެއްވެސްނެތި ފަސްކުރެވެން އޮތް ލޯނެއްގެ ފައިސާވެސް ދެއްކީއެވެ. ދެއިރު ދެދަޅައަށް ބުނަމުންދިޔައީ ޗައިނާގެ ލޯނުތައް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އަދި އަދަށްވެސް އެ ފެހިބޮކި ދިއްލޭ ގޮތެއް ނުވިއެވެ. ވަޒީރުން ސިޓީބިޓީތަކާއެކު އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށް ބޭރު ގައުމުތަކަށް ފޮނުވަނީއެވެ. އަދިއެއް އެއިން ދަތުރަކުން ލިބުނު ރާހަތެއް ނުވިއެވެ. ހައްތަހާވެސް އިވެނީ މީޓިންގތައް ވަރަށް ކާމިޔާބު ވާހަކައެވެ. ގައުމަށް ގެންނަން ފައިކޭޓަށް ލާން ލިބުނު ރުފިޔާފޮށްޗެއް ނެތެވެ.
އިދިކޮޅު މީހުންނާއި އިގްތިސޯދީ މާހިރުންގެ ބަހަށްވެސް ދެމުން ދިޔައީ ފާޅުގައި ރަށްދެވެ. ކަންކުރަމުންދިޔައީ އެވެރިންނަށް މަލާމާތް ކުރާފަދަ ގޮތަކަށެވެ. އިއްޔެވެސް މިއަދުވެސް އިތުރު ކުރަމުންދަނީ ބޮޑެތި މުސާރަ ދޭން ޖެހޭ ސިޔާސީ މަގާމްތަކެވެ. އެއިން ބޮޑުވި ބުރައެއް ފިޔަވާ ފައިދާއެއްވާނެ ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. އެސިޔާސީ މީހުންނާއެކު ދައުލަތުގެ މާލިއްޔާއަށް ފައިސާފޮއްޗެއް ވަންނާނެ މަޝްރޫއެއް ނުފެށުނެވެ. ޑެޕިއުޓީ މިނިސްޓަރުން ގޭގައި ބައިތިއްބައިގެންވެސް އެތައް ލައްކަ ރުފިޔާއެއް ޚަރަދުކޮށް މުސާރަދެނީއެވެ. ކުރުގޮތަކަށް ބުނަންޏަ ސަރުކާރުގެ ޚަރަދުތައް އިންތިހާގައެވެ.
ބަދަލުގައި ސަރުކާރުން ފިޔަވަޅު އަޅަންފެށީ ރައްޔިތުންނަށެވެ. މަސްގަންނަ އަގު ކުޑަކުރީއެވެ. އާސަންދައިން ލިބޭ ފަރުވާތައް "ހިފެހެއްޓިއްޖެ"އެވެ. ބެންކޮކުންނާއި ޔޫރަޕްގެ ގައުމުތަކުން ލިބޭނެ ކަމަށްބުނި އާސަންދައިގެ ވާހަކައިގެ ހުއްޓިއްޖެއެވެ. ބަދަލުގައި ގިނައިން ދިވެހިން ގޮސްއުޅުނު ހޮސްޕިޓަލްތަކުންވެސް އާސަންދަ ކަނޑާލީއެވެ. ކަރަންޓްބިލް ދަނީ ބޮޑުވަމުންނެވެ. ތަކެތީގެ އަގު ދަށަކަށް ނުދިޔައެވެ. ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އަރާ 19 ރުފިޔާގެ ދަށުން ޑޮލަރެއް ލިބެން ނެތުނީއެވެ. ބޭރުގައި ކިޔަވަންތިބި ކުދިންނަށް ދޭން ވައުދުވި ޑޮލަރު ދިނުމުގެ ބަދަލުގައި އެއްވެސް އެއްޗެއް ނުލިބި ހާލުގައި ޖެހުނީއެވެ.
ހައްލު ގެންނަން ސަރުކާރުން އަޅަންފެށީވެސް މުޅިން ތަފާތު ފިޔަވަޅު ތަކެކެވެ. ކަންކުރާންތިބި ތަޖްރިބާހުރި މީހުން ވަކިކުރަން ފެށީއެވެ. ފުރަތަމަ އެމްއެމްއޭގެ ގަވަރުނަރެވެ. ސަރުކާރަށް އެތައް ލަފައެއް ދީފައިވަނިކޮށް އެކަން ބޮލާލާޖަހައި ގަވަރުނަރު ނަގާ އެއްލާލީ މިހާލަތުގައި އެއީ ރަނގަޅު ކަމެއް ނޫންކަމަށް އިގްތިސޯދީ ބޭފުޅުން ގޮވަގޮވާއޮއްވައެވެ. އެތަން މެނޭޖް ކުރަން ކޮންމެ ޑިޕާޓްމަންޓަކަށް ވެރިއަކުލާން ނިންމީ އިތުރު އެތައް ފައިސާއެއް ހޭދަވުމުގެ އިތުރުން ނުގޮތަކަށް ޖަހާންއުޅޭ ސަކަރާތެއްކަމަށް އިގްތިސޯދީ ބޭފުޅުން އެދަނީ ތުހުމަތު ކުރަމުންނެވެ.
ދެން އިވުނީ ގައުމު ވެއްޓެން އުޅޭ ނިކަމެތި ހާލަތު ފެށުމުގެ އެއްވާހަކައެވެ. ޑޮލަރުގެ މުއާމަލާތަށް ގައުމީ ބޭންކުން ގެނައި ބޮޑު ބަދަލެވެ. އޭގެ ކުރިން ނަގައި އެއްލާލީ އެތާ ހުންނެވި އެންމެ ދުވަސްވީ އެއްބޭފުޅާއެވެ. ގަވާއިދުގައި ނުކުރެވޭނެ ކަމަށް ކަޅާހުދުން ލިޔެފައި އޮއްވާވެސް ބީއެމްއެލްގެ ބޯޑުން އެ ވަކިކުރީ 40 އަހަރަށްވުރެ ގިނަ ދުވަހު ބޭންކަށް ޚިދުމަތް ކުރައްވަމުން ގެންދެވި ބޭންކުގެ ބޯޑު މެންބަރު ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ. އައިޝަތު ނޫރައްދީނަކީ އެ ބޭންކުގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އެ ބޭންކުގެ ވަޒީފާއާ އައިޝަތު ނޫރައްދީން ގުޅިވަޑައިގަތީ 1982 ގަ އެވެ. އޭގެފަހުން ހިނގައިމިދިޔަ 40 އަހަރުގެ ދިގު ތާރީހުގައި އޭނާ ވަނީ ބީއެމްއެލްގެ އެކްޓިން ސީއީއޯ ކަމާއި މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާ ކުރައްވައިފަ އެވެ. ހަތަރު ފަހަރެއްގެ މަތިން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުކަން އައިޝަތު ނޫރައްދީން ފުރުއްވާފައިވާއިރު، އެ ބޭންކުގެ މިހާރުގެ ސީއީއޯ، ކާލް ސްޓުމްކެ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ބޭންކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ. ސަރުކާރުން ހަދާން އުޅޭއެއްޗަކަށް އެއްބަސް ނުވާތީ އޭނާ ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް އެއިއުލާންކުރީ އެގެންނަން އުޅުނު ބޮޑު ބަދަލެވެ. ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް ސަސްޕެންޑު ކުރިކަން އިއުލާން ކުރީއެވެ.
ނަތީޖާއެއްގެ ގޮތުން
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްވީއެވެ.
މިއާއެކު އާދައިގެ ކުދި ވިޔަފާރި ކުރާ ފަރާތްތަކާއި މެދުފަންތިއާއި ބޮޑެތި ވިޔަފާރިވެރިންނަށްވެސް އިންތިހާއަށް އުނދަގޫވެ ގެއްލުންވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޑޮލަރުލިބުން ތާށިވެ ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. އެއާއެކު ތަކެތީގެ އަގު ބަލަބަލާ ތިއްބާ ދާނީ އުފުލެމުންނެވެ. ބޭރުގައި ކިޔަވަންތިބި ދަރިވަރުންގެ ތެރެއިން ޑޮލަރު އެކައުންޓެއްނެތް އެއްވެސް ކުއްޖަކަށް ދެން ލޯލާރިއެއްގެ މުއާމަލާތެއްވެސް ނުކުރެވޭނެވެ. ސަރުކާރުން ފޮނުވަންޖެހޭ ފައިސާނުލިބި ހާލުގައިތިބި ދަރިވަރުން އިތުރަށް ނިކަމެތިވެ ގޮތްހުސްވުމާ ކުރިމަތިލާން ޖެހުނީއެވެ.
ކޮންމެއަކަސް މިއީކީ އުފާވެރި ޚަބަރެއް ނޫނެވެ. ނަގަނަގާފައި ދެއްކިއަސް ދައްކަން ފަސޭހަ ވާހަކައެއްވެސް ނުމެނޫންމެއެވެ. ރައްޔިތުން ނިކަމެތިވެ ބިކަވާނެ ކަމެކެވެ. މިބަދަލާއެކު ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މީހުން ހަވާއަރުވާފައި ކިތައްމެ ބާރަށް އަތްޖެހިއަސް މިއީކީ ރައްޔިތުންނަށް ހެވެއްހުރި ކަމެއް ނޫނެވެ. މިއީ ޑޮލަރު ލިބުން ތާށިވެ ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ ސާފު ފެހި ސިގްނަލެކެވެ.