ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ހޯމަ ދުވަހުގެ ރޭ ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ 21:15 ގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފަ އެވެ. އޭގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މެމްބަރުން ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އާދިއްތަ ދުވަހު އެމައްސަލަތަކުގެ އަޑުއެހުންތައް ނިންމާފަ އެވެ. ދެން އޮންނާނީ އެމައްސަލަތަކުގެ ހުކުމް އިއްވާ ޝަރީއަތުގެ މަޖިލީހެވެ.
މެމްބަރު ވަހީދު އާއި ސައުދު އަދި އަމީތު ހުންނެވީ ޖަލު ބަންދުގަ އެވެ. މީގެ އިތުރުން ގުޅުފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ހުންނެވީ ރިޝްވަތު ހުށަހެޅުއްވުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފަ އެވެ.
މީގެ އިތުރުން ވެސް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މަޖިލިސް މެމްބަރުން ވެންނެވި ކަމަށްބުނާ މައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ ޖަލްސާ ބާއްވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފަ އެވެ.
މީގެ އިތުރުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްކޮން ތިއްބެވި ގިނަ ބައެއް ބޭފުޅުންގެ މައްޗަށް ވަނީ ޖިނާއީ ބޮޑެތި ހުކުމްތައް ކޮށްފަ އެވެ. އަދި ދެން ތިބި ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލާފައިވާއިރު އަނެއް ބައެއްގެ މައްޗަށް ޖިނާއީ ތަހްގީގުތައް ވެސް ދަނީ ހިންގަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ 12 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށް އެބަ ދެ އެވެ.