ދުނިޔޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އުސައިން ބޯލްޓް ރިޓަޔާކޮށްފިއެވެ.
ޖެމެއިކާއަށް އުފަން ބޯލްޓް ރިޓަޔާ ކޮށްފައި ވަނީ ލަންޑަންގައި ކުރިޔަށްދިޔަ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް ނިންމުމުގެ ހަފްލާގައެވެ. މިހަފްލާގައި ވަނީ އޭނާގެ ޝަރުފުގައި ދުވުމެއް ވެސް ބާއްވާފައެވެ.
ރިޓަޔާ ކުރުމާ ބެހޭ ގޮތުން ބޯލްޓް ބުނެފައި ވަނީ ރިޓަޔާ ކުރަން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި އޭނާގެ ސަޕޯޓަރުންނާއި، މުބާރާތްތަކުން ދުރަށް ދާން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ބޯލްޓް ބުނެފައިވަނީ އޭނާ ރިޓަޔާ ކުރުމަށް ފަހު އަނބުރާ ދުވުމުގެ ތެރެއަށް ނާންނާނެ ކަމަށެވެ. އެހެން އެތުލީޓުން އެގޮތަށް ކަން ކުރިޔަސް އޭނާއަކީ އެގޮތަށް ކަންކަން ކުރާނެ މީހެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.
މި މުބާރާތުގައި އޭނާއަށް މާ ބޮޑު ކާމިޔާބެއް ނުހޯދުނަސް އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެން ނުދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އެގޮތުން ބޯލްޓްވަނީ ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ވެސް ފަހު މެޗުން ބަލިވި ކަމަށާއި އެހެން ނަމަވެސް މުހައްމަދު އަލީއަކީ އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފާއިވާ މީހެއްކަން ފާހަގަކޮށްފައެވެ.
ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި އޭނާއަކީ އެތުލެޓިކްސްގެ ދުނިޔެއަށް އިންގިލާބެއް ގެނުވި އެތުލީޓެކެވެ. ބޯލްޓްއަކީ އޭނާގެ ކެރިއަރުގައި އެތަކެއް މުބާރަތްތަކެއް ކަމިޔާބުކޮށްފައިވާ ދުވުންތެރިޔެކެވެ. އެގޮތުން އޮލިމްޕިކް ރަން މެޑަލް އަށް ފަހަރު އޭނާ ހޯދައިފައިވެއެވެ. އަދި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ޖެހިޖެހިގެން ތިން އޮލިމްޕިކް މުބާރާތުގައި އޭނާ ވަނީ ހޯދާފައެވެ. ހަމައެހެންމެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރިކޯޑު ވެސް އޮންނަނީ ބޯލްޓް އަތުގައެވެ. އޭނާ މަޝްހޫރުވެފައި ވަނި އެންމެ ހަލުވި އިންސާނާގެ ގޮތުގައެވެ.