ސުވިޒަލޭންޑްގެ ރޯޖާ ފެޑެރާއާ ވާދަކޮށް ކެނެޑާ އޯޕެންގެ ޗެމްޕިއަންކަން ޖަރުމަނުގެ އެލެކްސޭންޑާ ޒަވަރޭވް ހޯދައިފިއެވެ.
ދުނިޔޭގެ އަށް ވަނައިގައި ރޭންކް ކުރެވިފައިވާ ޒަވަރޭވް ފެޑެރާ ބަލިކޮށްފައި ވަނީ 3-6، 4-6 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ޒަވަރޭވް މިއަހަރު ކާމިޔާބުކުރި ފަސްވަނަ މުބާރާތެވެ.
ފެޑެރާ މުބާރާތުގެ ފައިނަލަށް ގޮސްފައި ވަނީ ނެދަލޭންޑްސްގެ ރޮބިން ހާސް ބަލިކުރުމަށްފަހުއެވެ. ޒަވަރޭވް ފައިނަލަށް ދަތުރުކުރީ ކެނެޑާގެ ޑެނިސް ޝަޕަވަލޯވް ބަލިކުރުމަށް ފަހުއެވެ.
މިއީ ފެޑެރާ މިއަހަރު ކުޅުނު 38 މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ފެޑެރާއަށް ނުލިބުނު ކަމުގައި ވިޔަސް މި ހަފްތާގައި ކުޅޭ ސިންސިނާޓީ އޯޕެންގެ ޗެމްޕިއަންކަން އޭނާ ހޯދައިފި ނަމަ އޭނާއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބިގެންދާނެއެވެ.
އޭޓީޕީ ވޯލްޑް ޓުއާގައި މއަހަރު އެންމެ ގިނަ މުބާރަތް ކާމިޔާބުކޮށްފައި ވަނީ މި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ޖުމްލަ ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ.
މިއީ ފެޑެރާ ވިމްބެލްޑަންއަށް ފަހު ކުޅުނު ފުރަތަމަ މުބާރާތެވެ. މުބާރާތަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ޔޫއެސް އޯޕެން މުބާރާތް ކާމިޔާބުކުރުމަށް އޭނާ އުއްމީދުކުރާ ކަމަށާއި އެ މުބާރާތަށް އެންމެ ފުރިހަމައަށް އޭނާ ތައްޔާރުވާނެ ކަމަށެވެ. ޔޫއެސް އޯޕެން މުބާރާތް ފެޑެރާ ކާމިޔާބު ކޮށްފި ނަމަ އެ މުބާރާތް ވާނީ އޭނާ ކާމިޔާބުކުރާ 20 ވަނަ ގްރޭން ސްލޭމްއަށެވެ.
މިހާރު ވެސް ފެޑެރާއަކީ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އޭނާވަނީ ކެރިއަރުގައި 19 ގްރޭން ސްލޭމް ކާމިޔާބުކޮށް 302 ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ދަމަހައްޓާފައެވެ.