ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ތިން ކުންފުންޏަކުން 1.9 ބިލިޔަން ރުފިޔާ ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަރި ދުވަހު މީރާއިން 1.9 ބިލިޔަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާސިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ ވިލާ ހޮލިޑޭސް އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މާޅެންފުށި ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ކޯޓުން އަދި ނުފަށައެވެ.
އެ ތިން ކުންފުންޏާ ދެކޮޅަށް ދައުވާކުރީ ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ތިން ރަށެއްގެ ލީސް ކުއްޔާއި ބިމު ކުއްޔާއި އެ ކުލި ނުދެއްކުމުން އަރަމުންދާ ޖޫރިމަނާ ހޯދުމަށެވެ.
އެގޮތުންގާސިމްގެ ވިލާ ހޮލިޑޭސްއަށް ދައުވާކޮށްފައިވަނީ އެ ކުންފުނީގެ އަތުން 35 މިލިއަން ޑޮލަރު ހޯދުމަށެވެ. މާޅެންފުށީގެ އަތުން 77 މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފައިވާއިރު ގަޒީރާ އިން ދައްކަންޖެހޭނީ 17 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ 129 މިލިއަން ޑޮލަރެވެ. (1.9 ބިލިއަން ރުފިޔާއެވެ.).
އެ ތިން ކުންފުންޏާ ދެކޮޅަށް ދައުވާ ކުރިއިރު ގާސިމްގެ ވިލާ ޝިޕިން ކުންފުންޏާއި ވިލާ ހޮޓެލްސް ކުންފުންޏާ ދެކޮޅަށް ވެސް 37 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ) ހޯދުމަށް މީރާއިން ކޮށްފައިވާ ދައުވާގެ ޝަރީޢަތް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ގާސިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ ތިން ކުންފުޏަކުން ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވާއިރު ރިޝްވަތު ދިން ކަމުގެ ތުހުމުގައި ކްރިމިނަލް ކޯޓުގައި ވެސް ދަނީ ގާސިމްއާ ދެކޮޅަށް ޝަރީއަތްތައް ހިންގަމުންނެވެ.