Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 13:42
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑުއަހަނީ
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑުއަހަނީ
ރާއްޖެއެމްވީ
ހުކުުރު ޚުތުބާ - މަލާއިކަތުންނަށް އީމާންވުން
މާތް الله ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް: ޚުތުބާ
މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެ
މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ގަބޫލުކުރުން ހިމެނޭ
މާތް اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ

މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫގުން ކަމުގައި ނުވިޔަސް، اللَّه ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''މަލާއިކަތުންނަށް އީމާންވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި، އެއީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށެވެ. މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށާއި، ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ގަބޫލުކުރުންތަކެއް ފެތުރިފައިވާ ކަމަށެވެ.

Advertisement

އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ގަބޫލުކުރުން ހިމެނޭ ކަމަށާއި، އަދި އެއީ اللَّهގެ އަންހެންދަރީން ކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނާ ކަމަށެވެ.

ޚުތުބާގައި ބުނީ މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެ ކަމަށާއި، މާތް اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ ކަމަށެވެ.

މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.
ހުކުުރު ޚުތުބާ

މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫގުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ލޫޠުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށެވެ.

ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވެއެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެކެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިމަންރަސްކަލާނގެ ملائكةންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدمގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليسވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ." އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެކެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީއެވެ. ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވިއެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނެވެ. އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި آدمގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكةންނަށް وحىކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكةން سجدة ކުރެއްވޫއެވެ. އެކަލޭގެ އެ ކަމުން މަނާވެގަނެ، كبرވެރިވީއެވެ. އަދި كافرންގެ ތެރެއިން އެކަލޭގެ ވިއެވެ.
ހުކުުރު ޚުތުބާ

ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ގަބޫލުކުރުން ހިމެނޭ ކަމަށެވެ.

ޚުތުބާގައި ބުނީ އަރުޝި އުފުއްލެވުމަށް މަލާއިކަތުންވާ ކަމަށާއި، ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައިވާ ކަމަށެވެ. ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެއެވެ. اللَّه تَعَالَىއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުންވާ ކަމަށާއި، މީސްތަކުންގެ އަމަލުތައް ލިޔުއްވާ މަލާއިކަތުންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާއި، މަލާއިކަތުންގެ އަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫގަކަށް ނޭނގޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް