ލުބްނާންގެ ސައިޑްން ގައި ދަތުރުކުރަމުން ދިޔަ ކާރަކަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދީ ފަތަހް ގެ އޮފިޝަލަކު ޝަހީދު ކޮށްލައިފިއެވެ.
ބުދަ ދުވަހު ދެކުނު ލުބުނާނުގެ ސައިޑްން ސިޓީގައި އިސްރާއީލުން ދިން ހަމަލާއެއްގައި ފަތަހްގެ އޮފިޝަލެއް ޝަހީދު ކޮށްލައިފި ކަމަށް ފަތަހް ޖަމާޢަތުގެ އިސް މެމްބަރަކާއި ސެކިއުރިޓީ މަސްދަރަކާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވެއެވެ.
މިއީ އިޒްރޭލާއި ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތާ ދެމެދު ބޯޑަރުގައި ހިނގަމުންދާ 10 މަސް ދުވަހުގެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ގެ ފަތަހް ޖަމާޢަތަށް އަމާޒް ކޮށް އިޒްރޭލުން ދިން ފުރަތަމަ ހަމަލާކަމަށް ވެއެވެ.
"އިޒްރޭލުން ސައިޑްން އަށް ދިން ހަމަލާގައި ފަތަހް ޖަމާޢަތުގެ އޮފިޝަލް ޚަލީލް މިގްދާހް ޝަހީދު ވެއްޖެ،" ކަމަށް ޣައްޒާގެ ވެރިކަން ކުރާ ހަމާސްއާ ވާދަވެރި ފަތަހްގެ އިސް މެންބަރު ފަތުހީ އަބޫ އަލް-އަރަދާތު މީޑިއާ ތަކަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.
ލުބުނާންގެ ސަލާމަތީ މަސްދަރަކުން އޭއެފްޕީއަށް މިކަން ކަށަވަރުކޮށްދެމުން ބުނީ ހަމަލާ އަމާޒުވީ އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް ކަމަށެވެ.
އަނދާ ހުލިވެފައިވާ ކާރެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނަގަނިކޮށް އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ ރިޕޯޓަރަށް ފެނިފައިވާ ކަމަށް އެ ރިޕޯޓަރާ ހަވާލާ ދީ ޚަބަރުތައް ބުނެފައިވެއެވެ.
ލުބުނާންގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ބުނި ގޮތުގައި މިގްދާހް މަރުވީ "އޭނާގެ ކާރަށް ޑްރޯނަކުން ދިން ހަމަލާއެއްގައެވެ."
ފަތަހްގެ ހަތިޔާރުއެޅި ގޮފި ކަމުގައިވާ އަލް-އަޤްސާ މާޓިއާރސް ބްރިގޭޑްސްގެ ކޮމާންޑަރެއްގެ ގޮތުގައި ޝަހީދު ކޮށްލި މިގްދާހް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާގެ އާއިލާގެ މެމްބަރަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ފަތަހް ޖަމާއަތުން މި ހަމަލާ އާ ގުޅިގެން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.