ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 11:07
މަގު ބަންދުކޮށްގެން ފުލުހުންގެ އެހީތެރިކަމާއެކު ޕީޕީއެމުން ބޭއްވި ހަރަކާތް
މަގު ބަންދުކޮށްގެން ފުލުހުންގެ އެހީތެރިކަމާއެކު ޕީޕީއެމުން ބޭއްވި ހަރަކާތް
މުހަންމަދު ވިސާމް
ސިޔާސީ ޖާގަ
މަގުބަންދުކޮށްގެން ޕީޕީއެމުން ބޭއްވި ހަރަކާތަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަންތައް ކުރުމުން: ފުލުހުން
އޮންނަ އުސޫލުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ހުރަސްއަޅައި، ޕެޕާ ސްޕްރޭ ޖެހުން އާންމުވެފަ
ފުލުހުންނަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑު ކިޔުންތަކެއް

މަގުބަންދުކޮށްގެން ޕީޕީއެމްއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަރަކާތަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކޮށްފައި ވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތައް ރޫޅާލައި، މީހުން ހައްޔަރުކުރަމުން ދަނިކޮށް، މަގު ބަންދުކޮށްގެން މަގުމަތީގައި ގޮނޑި ޖަހައިގެން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ދީފައިވާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެއްބަޔަކު ބުނަމުންދަނީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އެއްވެސް ކަހަލަ ހަމަހަމަކަމެއް އަދި އިންސާފުވެރިކަމެއް ވެސް ނެތް ކަމަށެވެ.

ޕީޕީއެމްގެ ހަރަކާތަށް ފުރުސަތު ދިނީ ކޮން އުސޫލެއްގެ ދަށުންތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް ފުލުހުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން އިންތިޒާމް ކުރުމާއި ރޭވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. 

ޝިފާން ވިދާޅުވީ ފުލުހުންގެ ބޭނުމަކީ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުން ކަމަށާއި، އެ ހަރަކާތް ނޫނަސް މާލޭގެ އެކި ސަރަހައްދުތަކުގައި މިފަހުން ބޭއްވި ހަރަކާތްތަކަކަށް ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން އުސޫލެއް ކަމެއް އޭނާ ސާފުކޮށެއް ނުދެއެވެ. 

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވަން އުޅުމުން ފުލުހުން ބުނެފައިވަނީ އެ ހަރަކާތް ބާއްވަނީ މާލޭގެ ޓްރެފިކް ބާރު ބޮޑު ސަރަހައްދެއްގައި ކަމަށާއި އެހެންކަމުން ޓްރެފިކަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާ ގޮތަށް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނާއި ޕީޕީއެމް އިން އިންތިޒާމް ކުރާ އިވެންޓްތަަކަށް މަގު ބަންދުކޮށްދީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މީގެ ކުރިން ވެސް ހަރަކާތްތެރިވެފައި ވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މަގުތައް ބަންދުކޮށްގެން، މަގުމަތީގައި ކެމްޕެއިން ޖަލްސާތައް ވެސް ބާއްވާފަ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ އެއްބާރުލުމާއެކު ފުލުހުން ސަލާމަތީ ކަންކަން ފޯރުކޮށްދީ، މަގުތައް ބަންދުކޮށްދީގެންނެވެ. 

އިދިކޮޅު ފަރާތްތަކަށް މަގުމަތީގައި ހަރަކާތްތައް ނުބޭއްވޭއިރު، ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ވެސް އިދިކޮޅު ފަރާތްތަކަށް ދުލެއް ނުކުރެއެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދި ފޮނުވި ސިޓީތަކަށް ހައުސިންގ މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.

ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ވެސް ދަނީ ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 11:14
Larey
Me ee inshaafu hurivarakee ehbayakah by nun komme kameh Kure wy