ސްޕެނިޝް ސުޕާކަޕްގައި ބާސެލޯނާއާއި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗު ރެއާލްއިން ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމުންވެސްވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ބާސާގެ ފޯވާޑް ސުއަރޭޒްއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭނާގެ މި ހަމަލާ ރެއާލްގެ ކީޕަރު ނަވާސްވަނީ ފަސޭހަ ކަމާއެކު ދިފާއުކޮށްފައެވެ. މިހާފުގެ 25 ވަނަ މިނުޓުގައި މެސީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ރެއާލްގެ ގޯލު ދަނޑި މަތިން ބޭރަށެވެ.
މިހާފުގައި ރެއާލްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ބޭލްއަށެވެ. އިސްކޯ ނަގައިދިން ހުރަހަކުން ބޭލް ގޯލާ އަމާޒުކޮށްލި ބޯޅަ ބާސާގެ ކީޕަރު ޓާ ސްޓީޖެން ވަނީ ހުށިޔާރު ކަމާއެކީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ހާފުގައި ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައިވެއެވެ.
ދެވަނަ ހާފް ފެށިގެން ފަސް މިނިޓު ތެރޭގައި ރެއާލްއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ރެއާލްގެ މާސެލޯ ނަގައިދިން ހުރަހެއް ޑިފެންޑް ކުރަން އުޅެނިކޮށް ބާސާގެ ޑިފެންޑާ ޕީކޭއަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.
މި ލަނޑާއި އެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ގޮސްފައިވާއިރު ބެންޗުން ފެށި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ރޮނާލްޑޯވަނީ މި ހާފުގައި ކުޅެން ނިކުމުފައެވެ.
މެޗުގެ 78 ވަނަ މިނުޓުގައި ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިއޮނެލް މެސީއެވެ. އޭރިއާތެރެއިން ރެއާލްގެ ކީޕާރ ސުއަރޭޒްއަށް ފައުލް ކުރުމުން، ރެފްރީދިން ޕެނަލްޓީ މެސީވަނީ ގޯލަށް ވައްދާލާފައެވެ.
މީގެ ދެ މިނިޓު ފަހުން ރޮނާލްޑޯވަނީ އަލުން ރެއާލްއަށް ލީޑު ނަގައިދީފައެވެ. މިއީ ކައުންޓާ އެޓޭކްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ރީތި ގޯލެކެވެ. އެހެން ނަމަވެސް އޭގެ ދެ މިނުޓު ފަހުން ރޮނާލްޑޯ ޑައިވް ކުރިކަމަށް ނިންމައި ރެފްރީވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ 90 ވަނަ މިނުޓުގައި ރެއާލްގެ މާކޯ އަސެންސިއޯވަނީ ވަރަށް ހިތްގައިމު ގޯލަކާއެކީ ރެއާލްގެ ތިންވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މި މުބާރާތުގެ ދެވަނަ ލެގު އޮންނާނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެ މެޗު ކުޅެވިގެންދާނީ ރެއާލްގެ ދަނޑުގައެވެ.