Advertisement
ކ. މާލެ
|
15 އޯގަސްޓް 2024 | ބުރާސްފަތި 23:38
ފަތުރުވެރިންތަކެއް މިޔަރާ އެކު ރާއްޖޭގެ ސާފު މޫދުގައި ފަތަނީ
ފަތުރުވެރިންތަކެއް މިޔަރާ އެކު ރާއްޖޭގެ ސާފު މޫދުގައި ފަތަނީ
ގެޓީ އިމޭޖަސް
މިޔަރުގެ ވިޔަފާރި
މަނާކޮށްފައި އޮންނަތާ 12 އަހަރު ފަހުން މިޔަރުގެ ވިޔަފާރިއަށް ރާއްޖޭގައި ހުއްދަ ދެނީ
ލޯންގްލައިން މަސްވެރިކަމަށް އަލަށް ހަދާ ގަވައިދުގެ ދަށުން މިޔަރު ޕޮރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް ކަނޑައަޅާފައިވޭ
ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް ހުއްދަ ދޫކުރާ ގޮތައް ވަނީ ހަމަޖެހިފަ
2010 ވަނަ އަހަރު ރާއްޖޭގައި މިޔަރު ހިމާޔަތް ކުރެވި، 2011 ވަނަ އަހަރުން ފެށިގެން މިޔަރުގެ ވިޔަފާރި ވަނީ މަނާ ކޮށްފައި

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު ލޭނުގައި ޖެހި މަރުވެފައި ހުންނަ މިޔަރުގެ ވިޔަފާރި ކުރުމަށް ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

މިޔަރުގެ ވިޔަފާރި އަށް ފިޝަރީޒް މިނިސްޓްރީން އަލަށް ހަދާ ގަވައިދުގެ ދަށުން ހުއްދަ ދޭން ޑރ. މުއިއްޒުގެ ސަރުކާރުން ނިންމި އިރު ކުރީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި 20 އޭޕްރީލް 2021 ގައި ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ދިވެހި ރާއްޖޭގައި ލޯންގްލައިން ބޭނުންކޮށްގެން ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުއްދަ ދިން ނަމަވެސް ސަރުކާރުން އެއްވެސް ވަރަކަށް މިޔަރުގެ ވިޔަފާރިއަށް ހުއްދަ ނުދޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިޔަރުގެ ވިޔަފާރި ހުޅުވާލައިފިނަމަ މުޅި ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ނޭދެވޭ ބަދަލުތަކެއް އައިސްފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ކަމުގައެވެ.

ރާއްޖޭގައި 2010 ވަނަ އަހަރު މިޔަރު ހިމާޔަތް ކުރެވި އަދި 2011 ވަނަ އަހަރުން ފެށިގެން މިޔަރުގެ ވިޔަފާރި މަނާ ކޮށްފައި ވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިޔަރު އުރަހަ އަށާއި މިޔަރު މަހަށް ބޮޑު ޑިމާންޑެއް އޮންނާތީ، ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ މިޔަރު އުރަހަ އާއި މިޔަރު މަސް ރާއްޖޭން ބޭރު ކުރަން އުޅުމުގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

"މިޔަރުގެ ވިޔަފާރި މުޅިން މަނާކޮށްފައި އޮތް އިރުވެސް އެތައް ސަތޭކާ ކިލޯއެއްގެ މިޔަރު މަހާއި މިޔަރު އުރަހަ ބޭރު ކުރަން އުޅެނިކޮށް ފަޅާ އަރާފައިވަނީ..އެއީ އަދި އެނގޭ ވަރު، ނޭގި ކިތައްމެ ބައިވަރުވެސް ރާއްޖޭން ބޭރުވެސް ކޮށްފައި ހުންނާނެ، އެހާ ބައިވަރު އަތުލައިގަތުމުން އެނގޭ ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މިހާރުވެސް ވަގަށް އެބަ ކުރޭކަން...މިހާރު އަލަށް މިހަދާ ގަވައިދުން ހުޅުވާލެވޭ ދޮރުން ދެން ވަރަށް ބޮޑު ފުރުސަތެއް މި ލިބެނީ މިޔަރުގެ ވިޔަފާރިކުރާ މީހުންނަށް، ދެން މުޅިން ވެސް ހުންނަނީ މަރުވެފައި ހުރި ބައިކެޗް މިޔަރު،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރާކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހެން ހެދުމުން، ދޮށީގެ މަސްވެރިކަމުން ބާނާ މަހުން ރާއްޖޭން ބޭރުން ރާއްޖެއަށް ލިބޭ ޕްރިމިއަމް ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަގުގައި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އޭނާ ވިދާޅުވީ، ގަވައިދަށް މިގެންނަ ބަދަލު ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދާއިރާ އާ މަޝްވަރާ ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement

ދިވެހިރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ބުނެ، ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ވަނީ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު އަލަށް ހިމަނާފައިވާ މާއްދާ ތަކުގެ ތެރެއިން "ލޭނު މަސްވެރިކަމުގައި ހިފާ މިޔަރު އަދި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް (ބައިކެޗް) ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު މި ގަވައިދުގެ ދަށުން ފަހިވެގެން ދާނެ" ކަމަށެވެ.

ލޭނުގައި ޖެހިގެން މަރުވާ މިޔަރު އެއްގަމަށް ގެނެސް ޕްރޮސެސް ކޮށް އޭގެ ވިޔަފާރިއަށް ހުއްދަ ދެވޭނެ އުސޫލެއް ކަނޑައަޅާ ކަމަށް ހާމަ ކޮށްފައިވާ ނޫސްބަޔާނުގައި "އެހެން ނަމަވެސް މިއީ ދިވެހިރާއްޒޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަން" ފާހަގަ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"މިގޮތުން، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެވެ. އަދި މިގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހެ ފިޔަވަޅުތައް ހިމެނިފައިވާނެ" ކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އެހެން އޮތް ނަމަވެސް ހަމަ އެ ބަޔާނުގައި ބުނަނީ "މިޔަރު ޕޮރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާނެއެވެ. އަދި މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާޢިދގެ ދަށުން ވާނި ހުއްދަކުރެވިފައެވެ."

ރާއްޖޭގެ ކަނޑުގައި މިޔަރުގެ 40 ބާވަތައް ވުރެ ގިނަ ބާވަތް އުޅޭ ކަމަށް ބައެއް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ރާއްޖޭގައި މިޔަރުގެ ވިޔަފާރި އާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ހާމަވާ ގޮތުގައި، ފަތުރުވެރިންގެ ޝައުގުވެރިކަމާ ގުޅިގެން އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެ އެވެ. އަދި އެ މިޔަރު ދިރި އޮތްހާ ދުވަހަކު އެ މިޔަރުގެ ޒަރީއާއިން އެ ފައިދާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެހެން ނަމަވެސް، އެ ދިރާސާގައި ބުނެފައިވަނީ ހިފާ ކޮންމެ މިޔަރަކަށް ލިބޭ އަގު ލިބެނީ އެންމެ ފަހަރަކު ކަމަށާއި އެއީ އޭރަށް ބަލާއިރު 32 ޑޮލަރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް