ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާގައި މި ބިލާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގަތް 75 މެންބަރުންގެ އިއްތިފާގުން އެ ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. އަދި ބަހުސްގެ މަރުހަލާ ނިންމައި، މުޅި މަޖިލިސް ކޮމިޓީން ބިލު ފާސްކޮށްފައިވަނީ 76 މެންބަރުންގެ ވޯޓާއެކުއެވެ.
ކޮމެޓީ ޖުމްލަ މެންބަރުންގެ އަދަދު 93، ހާޒިރުވެތިބި މެންބަރުންގެ އަދަދު 77، ފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 76، ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތް. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރަކު ވެސް ނެތް. ވޯޓުގައި ބައިވެރިވި މެންބަރުންގެ އަދަދު 76، ފާސްވުމަށް ބޭނުންވާ އަދަދު 39. އެހެންކަމުން މި ކޮމެޓީއަށް ބިލު އައި ގޮތަށް އެ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ކޮމެޓީން ފާސްވެއްޖެ ކަމުގައި ދަންނަވަން.ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޓޫރިޒަމް ގާނޫނުގެ މަސައްކަތް އެއް ދުވަހުން ނިންމާލާފައިވާއިރު، މި އިސްލާހާ ގުޅޭގޮތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއީ ސަރުކާރުން ފައިސާ ހޯދާނެ ގޮތް ނޭނގިގެން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ނިންމާފައިމިވަނީ އިންވެސްޓަރުންގެ އަތުން ފައިސާ ހޯދުމަށް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
މައިގަނޑު މަގުސަދަކީ ހަގީގަތުގައި ކުރިއަށް އޮތް ހަ މަަސް ދުވަހުގެ ތެރޭގައި އެފައިސާ ބަޖެޓަސް ވެއްދުމަށްޓަކައި ކޮށްފައި ހުރި މަސައްކަތެއް. މިއިސްލާހުން ވަރަށް ފާސްކޮށް ފެންނަން އެބައޮތް.މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މެންބަރު އަހުމަދު ދީދީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު ކަމަށާއި، މިސިނާއަތް ކުރިއެރުވުމަށް ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އިތުރަށް މާކެޓް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުން ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ސިނާއަތް މާ ބޮޑަށް މާކެޓް ކޮށްފައިނުވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއަށް ގިނަ ފުރުސަތުތައް ގެއްލިގެންދާކަން މެންބަރު އަހުމަދު ދީދީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބިލުގެ މަސައްކަތް އަވަސްކޮށްލައިގެން ކުރިއަށް ގެންގޮސް ކޮމެޓީގައި ފާސްކޮށްފައިވާތީ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.