އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުތަކުން މެންޗެސްޓާރ ޔުނައިޓެޑާއި ޓޮޓެންހަމް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ވެސްޓް ހާމްއާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ވެސްޓް ހާމްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެޓީމާއި އަލަށް ގުޅުނު ފޯވާޑް ރޮމެލޫ ލުކާކޫއެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވެސްޓް ހާމްގެ މައްޗަށް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ފެނިގެން ގޮސްފައިވަނީ ޔުނައިޓެޑުން ވެސްޓް ހާމްގެ ހާފުގައި ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެމުންދިޔަ ތަނެވެ. މެޗުގެ 52 ވަނަ މިނިޓުގައި ހެންރިކް މިޚްތަރިޔާން ނަގައިދިން ހުރަހަކުން ލުކާކޫވަނީ ލަނޑެއް ކާމިޔާބުކޮށްދީ ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންތަނީ މާޝިއާލް ވަނީ 87 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ މެޗުގެ 90 ވަނަ މިނިޓުގައި ޕައުލް ޕޮގްބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޓޮޓެންހަމްއާއި ނިއުކާސަލް ބައްދަލުކުރި މެޗު 0-2 އަކުން ކާމިޔާބުކޮށްފައިވަނީ ޓޮޓެންހަމްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްއިން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން ތިންވަނަ މިނިޓު ތެރޭގައި ނިއުކާސަލްގެ ޝެލްވީއަށް ރަތް ކާޑު ދެއްކުމާއިއެކު، މެޗު ޓޮޓެންހަމް ކޮޅަށް އެބުރިގެން ދިޔައެވެ.
މެޗުގެ 61 ވަނަ މިނިޓުގައި ޑެލޭ އަލީ ވަނީ ޓޮޓެންހަމްއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ބެން ޑޭވީސް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުތަކާއިއެކު ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމިގެންދިޔައިރު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ދެވަނައިގައި އަލަށް ޕްރޮމޯޓްވި ހަޑާސްފީލްޑް އޮތްއިރު ތިންވަނައިގައި އޮތީ މެނޗެސްޓާރ ސިޓީއެވެ. ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބެނީ ޓޮޓެންހަމްއަށެވެ.