ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައިފިއެވެ.
އަލަށް ހުށަހަޅާ އިސްލާހުގައި ވާ ގޮތުން އެ ގާނުނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ތެރެއިން ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރިކަން ސާބިތު ވެއްޖެ ނަމަ އެ ފަރާތަކަށް މަރުގެ ހުކުމް އިއްވޭނެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އާ ބެހޭ މިނިސްޓްރީން ޑްރާފްޓްކޮށްފައިވާ މި ބިލުގައި ވާ ގޮތުން ޖަދުވަލު 1 ގައި ހިމެނޭ، މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗެހީގެ 139 ބާވަތުގެ ތަކެތީގެ ތެރެއިން ކޮންމެ ބާވަތެއް އެތެރެ ކުރި ކަމުގައި ވިޔަސް އޭގެ ބަރުދަނުގައި 500 ގްރާމް ނުވަތަ އެއަށްވުރެ އިތުރު ނަމަ އެ އެއްޗެއް އެތެރެކުރި ފަރާތެއްގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ އެ ފަރާތަކަށް މަރުގެ ހުކުމް އިއްވޭނެއެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގާނޫނަށް އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުން ވެސް ބަލާނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގޮތުގައެވެ.
ޑްރަގް އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ރާއްޖޭގައި ގާނޫނުގައި ކަނޑައަޅަން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.
މިހާރު ރާއްޖޭގައި މަރުގެ އަދަބު ދެވޭ ހަމައެކަނި ކުށަކީ ގަސްދުގައި މީހަކު މެރިކަން ސާބިތުވުމެވެ. މި ކުށް ސާބިތުވެފައިވާ މީހުން ރާއްޖޭގެ ޖަލުތަކުގައި ތިބި ނަމަވެސް 1953 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ރާއްޖޭގައި ދީފައެއް ނުވެއެވެ.
މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެއް ކަމަށާއި، އެ ގޮތުން ހޯމް މިނިސްޓްރީން ވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާއްޖެއިން މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.