ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 11:37
ބާސެލޯނާގެ ކެޕްޓަން ޓާސްޓެގަން
ބާސެލޯނާގެ ކެޕްޓަން ޓާސްޓެގަން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާގެ ކެޕްޓަންކަން ލަމާސިއާއިން ބޭރަށް
ޓީމުގެ އައު ކެޕްޓަނަކީ ޖަރުމަނުގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެވެ.

14 އަހަރަށް ފަހު ސްޕޭނުގެ ބާސެލޯނާގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް އެކުލަބުގެ އެކަޑަމީ ލަމާސިއާއިން ބޭރުގެ ކުޅުންތެރިއަކަށް ދީފި އެވެ.

ޓީމުގެ އައު ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޖަރުމަނުގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެވެ. އުމުރުން މިހާރު 32 އަހަރުގެ ޓާސްޓެގަން އަކީ މިވަގުތު ޓީމުގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. 2014 ވަނަ އަހަރު ޓީމާ ގުޅުނު ކީޕަރަށް ކެޕްޓަން ބޭންޑް ލިބުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އަނެއް ސަބަބަކީ މިދިޔަ ސީޒަނުގެ ކެޕްޓަން ސާޖިއޯ ރޮބާޓޯ ކުލަބު ދޫކޮށްލުމެވެ.

ޓާސްޓެގަން ނެތިއްޖެނަމަ ބާސެލޯނާގެ ކެޕްޓަންކަން ކުރާނެ ތިން ކުޅުންތެރިއަކު ހަމަޖައްސާނެ އެވެ. ބޮޑަށް ބެލެވެނީ އެ ތިން ކުޅުންތެރިންނަށްވާނީ އުރުގުއޭގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އާއި ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގާއި ޕޮލެންޑްގެ ފޯވަޑް އަދި އެ ގައުމުގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ ކަމަށެވެ.

ބާސެލޯނާގެ ކެޕްޓަންކަން އާއްމުކޮށް ކުރަނީ އެ ކުލަބުގެ އެކަޑަމީ ލަމާސިއާއިން ސީނިއާ ޓީމަށް ގްރެޖުއޭޓްވާ ކުޅުންތެރިންނެވެ. ލަމާސިއާއިން ބޭރުގެ ކުޅުންތެރިއަކަށް އެންމެ ފަހުން ކެޕްޓަންކަން ކުރީ 2004 ވަނަ އަހަރު ލުއިސް އެންރިކޭ އެވެ. އޭނާ އަކީ ސްޕޭނުގެ އަދި އެންމެ ވާދަވެރި ރެއާލް މެޑްރިޑުން ބާސެލޯނާ އަށް ގަތް ކުޅުންތެރިއެކެވެ. ފަހުން އެންރިކޭ ވަނީ ބާސެލޯނާ އަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިދީފަ އެވެ. އޭނާ އަށް ފަހު ކެޕްޓަންކަން ބޭންޑް އަޅާފައިވަނީ ކާލޮސް ޕުޔޯލް އާއި ކުރޫގެ ކޯޗު ޒަވީ ހަނާންޑޭޒް އާއި އަންދްރޭސް އިނިއެސްޓާ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ސާޖިއޯ ބުސްކެޓްސް އާއި ރޮބާޓޯ އެވެ. މީގެ ތެރެއިން މެސީ ފިޔަވައި ދެން ތިބީ މުޅިން ވެސް ސްޕޭނުގެ ކުޅުންތެރިންނެވެ.

ބާސެލޯނާގެ އައު ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން - އެފްސީ ބާސެލޯނާ

ކެޕްޓަނެއްގެ ގޮތުން ޓާސްޓެގަން ކުޅުނު ފުރަތަމަ މެޗަކީ ރޭ ގެމްޕާ ޓްރޮފީ އަށް މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗެވެ. ބާސެލޯނާ 3-0އިން ބަލިވި މި މެޗުގެ ކުރިން އޭނާ ވަނީ ސަޕޯޓަރުންނާ މުހާތަބްކޮށްފަ އެވެ. ޓާސްޓެގަން ފުރަހަމަ ޝުކުރު އަދާކުރީ ރޮބާޓޯ އާއި މިދިޔަ ތިން އަހަރު ކޯޗެއްގެ ގޮތުގައި ހުރީ ޒަވީ އަށެވެ. އޭނާ އަކީ ޒަވީގެ ކެޕްޓަންކަމުގައި ޗެމްޕިއަންސް ލީގު 2015 ވަނަ އަހަރު އުފުލާލި ކީޕަރު ވެސްމެ އެވެ.

"އަހަރުމެން ބޭނުން ޒަވީ އަށް ޝުކުރު އަދާކުރަން. އޭނާ އާއި އޭނާގެ ސްޓާފުން ވަނީ ވަރަށް ބޮޑު ގުރުބާނީއެއްވެފައި. އަދި އަހަރުމެން ބޭނުން ރޮބާޓޯ އަށް ވެސް މަރުހަބާކިޔަން. އޭނާ ވަނީ މި ކުލަބުގައި ވަރަށް ގިނަ ކާމިޔާބީތަަކެއް ހޯދާފައި. ހަމަ ޔަގީނުން ވެސް ރޮބާޓޯ އާއި ޒަވީ މި ކުލަބުގައި ހަނދާންކުރާނީ މިތަނުގެ ވަރުގަދަ ދެ ލެޖެންޑުންގެ ގޮތުގައި،" ޓާސްޓެގަން ބުންޏެވެ.

މިއަށްފަހު ޓާސްޓެގަން ވަނީ އައު ކޯޗު ހަންސީ ފްލިކަށް ވެސް މަރުހަބާ ކިޔައިފަ އެވެ. އަދި ބުނީ މިއީ ގިނަ ކާމިޔާބީތަކެއް ހާސިލްވާނެ އަހަރަކަށްވާނެ ކަމަށް ހުރިހާ ކުޅުންތެރިން ވެސް އުއްމީދު ކުރާ ކަމަށެވެ.

"އަހަރުމެން މި ސީޒަން މި ފަށަނީ އައު ކޯޗަކާއެކު. ވަރަށް ހިތްވަރާއި ރޫހާއެކު. އުއްމީދު ކުރަނީ މިއީ ކާމިޔާބު އަހަރަކަށްވާނެ ކަމަށް. އަބަދުވެސް ދަނޑަށް އަންނަ ސަޕޯޓަރުން ހިތްއުފާކޮށްދޭން އަހަރުމެން ބޭނުން،" ޓާސްޓެގަން ބުންޏެވެ.

ޖަރުމަނުގެ ގައުމީ ޓީމުގައި ފުލްކޮށް ކުޅެން ނުލިބުނަސް ޓާސްޓެގަން އަކީ ބާސެލޯނާގައި އަބަދުވެސް މޮޅަށް ކުޅޭ ކީޕަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް