އިޒްރޭލުގެ ޖާސޫސުން ދެކޭގޮތުގައި އީރާނުން ވަނީ އިޒްރޭލަށް ސީދާ ހަމަލާ ދިނުމަށް މިހާރު ނިންމާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަމަލާ ދިނުން އެކަށީގެންވާ ކަމަށް އިޒްރޭލުގެ ޖާސޫސީ ކޮމިއުނިޓީ އަށް ގަބޫލު ކުރެވޭ ކަމަށް ދެ މަސްދަރަކާ ހަވާލާދީ އާދީއްތަ ދުވަހު އެމެރިކާގެ އެކްސިއޮސް ނޫހުން ބުނެފައިވެއެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާ ފޯނުން ގުޅުއްވާ އީރާނުގެ އަސްކަރީ ހަރަކާތްތައް ދައްކާގޮތުން އިޒްރޭލަށް ބޮޑު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމަށް ދަންނަވާފައި ކަމަށް އެކްސިއޮސްގެ ރިޕޯޓަރ ރާވިދު އެކްސްގައި ބުނެފައިވެއެވެ.
އެމެރިކާ، މިސްރު އަދި ގަތަރުން ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިޒްރޭލާއި ހަމާސް އާ ދެމެދު މަޝްވަރާ ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އޯގަސްޓް 15 ގެ ކުރިން އީރާނުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ރާވިދު އިތުރަށް ބުނެފައިވެއެވެ. މި މަޝްވަރާތަކުގައި ބައިވެރިވާނެކަން އިސްރާއީލުން ވަނީ ބުނެފައެވެ. ހަމާސްއިން ވާހަކަ ތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައި ނުވި ނަމަވެސް ބުނެފައިވަނީ އައު ޕްރޮޕޯސަލަކަށް ވާހަކަ ދައްކަން މަޝްވަރާގެ ބުރުތަކެއް ބޭއްވުމަކީ އެ ޖަމާއަތުން ތާއީދު ކުރާ ކަމެއް ނޫންކަމުގައެވެ.
ޖުލައި މަހުގެ ފަހުކޮޅު ބެއިރޫތުގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު އަދި ތެހެރާންގައި ހަމާސްގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތި ވަނީ ހަނގުރާމަ އެއްގެ އިންތިޒާރުގައެވެ. އީރާނާއި ލުބުނާނުގެ ހިޒްބުﷲ އިން ވައުދު ވެފައިވަނީ މި ހަމަލާތައް ދިން އިޒްރޭލުގެ ކިބައިން ވަރުގަދަ ބަދަލެއް ހިފާނެ ކަމަށެވެ.