Advertisement
ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 18:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު ޔާމިނަށް ދެއްވި ރައްދު
ރައީސް މުއިއްޒު ޔާމިނަށް ދެއްވި ރައްދު: ''ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަކީ ޓޮލަރޭޓް ކުރާނެ ކަމެއް ނޫން''
ސަރުކާރުގެ އެއްވެސް ލެވަލްއަކުން ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއް ނުފޫޒެއް ނުފޯރުވާނެ
އެފަދަ ކަމެއް ކުރާނަމަ އެމީހަކު ވަގުތުން މަގާމުން ވަކިކުރާނެ
ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ އޯޑިއޯ އާއްމުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވޭ

ޝަރުއީ ނިޒާމަށް ނުފޫޒެއް ފޯރުވުމަކީ ޓޮލަރޭޓް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިފަހަކަށް އައިސް ޔާމީން ދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ޝަރީއަތަށް މިސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އަދަދަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ދައްކާ ވާހަކައިން އެއްކިބާވާނެ ބޭފުޅެއް ނޫން ކަމަށާއި ދައްކާ ވާހަކަތައް ތަފާތު ނުވާނެ ކަމަށެވެ. އަދި މިއަދު ވެސް ހުންނެވީ ތަފާތެއް ނެތި މެނިފެސްޓޯގައި އިއުލާން ކުރެވުނު ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން އަދި ސަރުކާރުގެ އެއްވެސް ލެވަލްއަކުން ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާނަމަ އެމީހަކު ވަގުތުން މަގާމުން ވަކިކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ނިޒާމަށް ނުފޫޒެއް ފޯރުވުމަކީ ޓޮލަރޭޓް ކުރާނެ ކަމެއް ނޫން ކަމަށާއި، އެކަން ނުހިނގާނެ ކަމަށެވެ.

އަޅުގަނޑު މިއީ އަޅުގަނޑު ދައްކާ ވާހަކައިން އެއްބާވާ މީހެއް ނޫން. އަޅުގަނޑު މެނިފެސްޓޯ އިއުލާންކުރީ ވެސް އަދި މި ސުވާލާ ޖަވާބު ބޭއްވިއެއްނުންތޯ ލައިވް ކެންޑިޑޭޓުންނާއެކު އެރޭވެސް ދެއްކި ވާހަކަ މިއަދު ވެސް ތަފާތެއް ނުވާނެ. އަޅުގަނޑު ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުން އަދި ސަރުކާރުގެ އެއްވެސް ލެވަލްއަކުން އަދި ޖުޑިޝަރީއަކަށް ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއް ނުފޫޒެއް ނުފޯރުވާނެ. އެފަދަ ކަމެއް ކުރާ މީހަކު މިވަގުތު އަޅުގަނޑަށް ފެނުނަސް އެއީ މަގާމެއްގައި ހުރި މީހެއް ވިއްޔާ ވަގުތުން ވަކި ވެސް ކުރާނަން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މިމަހުގެ 8 ވަނަ ދުވަހު ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ލަސް ކުރަން ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވީ ކޮންބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަން ފާހަގަކުރައްވައި ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާއިރު، އެކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ. އަދި ވަރަށް އަވަހަށް އޯޑިއޯ އާއްމުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް