އައްޑޫ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގެ ސަރުކާރުން އިންޑިއާގެ އެހީގައި ހިންގި މުހިންމު ބޮޑެތި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށް ޑރ. މުއިއްޒު ގެ ސަރުކާރުން ރިބަން ކަނޑައިފިއެވެ.
މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ޑރ. މުއިއްޒު ސަރުކާރުން ދެއްވި ދައުވަތެއްގައި މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގައި އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ.
ނިމުން ފާހަގަ ކުރެވުނު މަޝްރޫއުތަކަކީ އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އާއި ހިތަދޫ އާއި މަރަދޫ ގުޅުވާލުމަށް ހަންކެޑެ ވަށައިގެން ހެދި 4 ލޭނުގެ ޑީޓުއަރ ލިންކް ރޯޑް މަޝްރޫއެވެ. މި މަގަކީ ހަންކެޑެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށާއި، އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން މުހިއްމު ބައެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މިއީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމްޑީޕީ ސަރުކާރުން ހިންގި މުހިއްމު މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
މި ދެ މަޝްރޫޢަށް ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރައީސް ސޯލިހްގެ ސަރުކާރުން ހޯދި 800 މިލިއަން ޑޮލަރުގެ އެހީގެ ދަށުންނެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 80 މިލިއަން ޑޮލަރު ހޭދަކޮށްގެން 184 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި އިންޑިއާއިން އައްޑޫގައި 220 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކޮށްފައި ވާނެ ކަމަށް މަޝްރޫއުތައް ނިމުން ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖައިޝަންކަރު ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށާއި އައްޑޫގެ މުޅި އިގުތިސާދީ ތަރައްގީއަށް ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ.
އާދިއްތަ ދުވަހު ނިމުން ފާހަގަ ކުރި މަޝްރޫއުތަކުގެ އިތުރުން އިންޑިއާ އިން ދިން 30 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އެންސީޕީއެލްއީ) ބިނާ ކޮށްފައިވާކަން ޑރ. ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ. ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އާދިއްތަ ދުވަހު ވަނީ ރާއްޖޭން ފުރާވަޑައިގަންނަވާފައެވެ.