ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 07:05
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ
ރޮއިޓާސް
އީރާން-އިޒްރޭލް ހަމަނުޖެހުން
އީރާން އަކަށް އަދި އިޒްރޭލަކަށްވެސް އުރުދުން ހަނގުރާމައިގެ މައިދާނަކަށް ނުހެދޭނެ: އުރުދުންގެ ޚާރިޖީ ވަޒީރު
އުރުދުންގެ ނިންމުން އިޒްރޭލަށާއި އީރާނަށް އަންގާފައިވާނެ ކަމަށް އެ ގައުމުން ބުނެ އެވެ.
ޚަބަރުގެ އޯޑިއޯ

އީރާން އަކަށް އަދި އިޒްރޭލަކަށްވެސް އުރުދުން ހަނގުރާމައިގެ މައިދާނަކަށް ނުހެދޭނެ ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

އުރުދުން އިން މިހެން ބުނީ މިދިޔަ ޖުލައި މަހު އީރާނުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މަރުގެ ބަދަލު ހިފާނޭ ކަމަށް އީރާނުން ބުނުމާއެކު އިޒްރޭލާ އީރާނާ ދެމެދު ހަނގުރާމަ އެއް ފެށުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވީ، އުރުދުން އިން މިގޮތައް ނިންމާފައިވާ ކަން އިޒްރޭލަށްވެސް އީރާނަށްވެސް އަންގާފައިވާނެ ކަމަށެވެ.

"އުރުދުންގެ ވައިގެ ސަރަހައްދު ހަނގުރާމައިގެ ބޭނުމަށް ބޭނުން ނުކުރެވޭނެ ކަން އިޒްރޭލަށާއި އީރާނަށް ވާނީ އަންގާފައި،" އަލް އަރަބިއްޔާ އަށް އުރުދުންގެ ޚާރިޖީ ވަޒީރު ދެއްވި ބަސްދީގަތުމެއް ގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުރުދުންގެ ވައިގެ ސަރަހައްދަށް ވަންނަ އެ ގައުމަށާއި އެގައުމުގެ ރައްޔިތުންނަށް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭ ކޮންމެ އެއްޗަކަށް ހުރަސް އަޅާނެ ކަމަށެވެ.

އީރާނާއި އިޒްރޭލާ ދެމެދުގައި އޮންނަ އުރުދުން އިން މިދިޔަ އޭޕްރީލް މަހު އީރާނުން އިޒްރޭލަށް ދިން ޑްރޯން ހަމަލާ ތަކެއްގައި އުރުދުންގެ ވައިގެ ސަރަހައްދު ހުރަސްކުރި ޑްރޯންތަކަށް ހުރަސް އެޅި ކަމަށް އުރުދުން އިން ވަނީ ބުނެފައެވެ.

ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުގެ ކުރިން އުރުދުން އަށާއި އިރާގަށާއި ތުރުކީ އަށް އެ ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު އީރާނުން ކުރީ ބައިގައި ފޯރުކޮށް ދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް