އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މި މެޗުން ސިޓީ މޮޅުވެފައިވަނީ ބްރައިޓަންގެ މައްޗަށް، 0-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ލަނޑުޖަހަން ރަނގަޅު ފުސަތުތަކެއް ސިޓީއަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް ގެބްރިއަލްއަށް ލިބިފަވާ ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން އޭނާއަށް ވަނީ ހިފޭގޮތް ނުވެފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 70 ވަނަ މިނެޓްގައި ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ސިޓީން އެޓީމުގެ ދެވަނަ ލނޑުޖަހާ ލީޑު ފުޅާކުރިއިރު މި ލަނޑަކީ ބްރައިޓަންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުން މޮޅުވެ ސިޓީން ތިން ޕޮއިންޓް ހޯދިއިރު، މި މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނީ މެޗުން މޮޅުމުން ހިންހަމަ ޖެހޭކަމަށާއި އަދި މި މެޗުގައި ސިޓީން ދެއްކި ކުޅުމާމެދުވެސް ހިއްހަމަޖެހޭކަމަށެވެ.
ގާޑިއޯލާ ބުނީ މީ ޕްރިމިއާ ލީގު ކަމަށާއި ހީވެސް ނުކުރާ އެފަދަ ނަތީޖާތަކެއް ނިކުމެދާނެ ކަމަކަށެވެ. އެހެން ކަމުން މި ލީގުގަ ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއްކަމަށް ގާޑިޔޯލާ ބުންޏެވެ.
" މެޗު ފަސޭހައެއް ނޫން. އެހެން ނަމަވެސް މޮޅަށް ކުޅެފައިވަނީ އަހަރެމެންގެ ޓީމުން. މި މެޗުން ތިން ޕޮއިންޓް ލިބުމުން ހިއްހަޖެހޭ." ގާޑިއޯލާ ބުންޏެވެ.
ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ. ބްރައިޓަން ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.