ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 07:14
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކީޕަރު އެޑަސަން (ކ)
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކީޕަރު އެޑަސަން (ކ)
ޑެއިލީ މެއިލް
ޕެޕް ގާޑިއޯލާ
ގާޑިއޯލާ ރުޅިބޭލީ ގޯލްކީޕަރު ކޯޗަށް
ފާއިތުވެދިޔަ ހަތަރު އަހަރު ޕްރެމިއާ ލީގު ހޯދި ޓީމުގެ ކޯޗު ރުޅިގަދަވެ، އަތުގައި އޮތް ފެންފުޅިން ބިންމަތީގައި ވަރަށް ބާރަށް ޖެހީ ލަންޑަނުގެ ވެންބްލީ ސްޓޭޑިއަމުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން ރޭ ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމުގެ ގޯލްކީޕަރު ކޯޗަށް ރުޅިއައިސް ހަޅޭއްލަވައިފި އެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު ޕްރެމިއާ ލީގު ހޯދި ޓީމުގެ ކޯޗު ރުޅިގަދަވެ، އަތުގައި އޮތް ފެންފުޅިން ބިންމަތީގައި ވަރަށް ބާރަށް ޖެހީ ލަންޑަނުގެ ވެންބްލީ ސްޓޭޑިއަމުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. މކއީ ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު އެއްބަސްވާ ކޯޗުގެ ކިބައިން ފެންނަ މަންޒަރެއްނޫނެވެ. އިންޓަވަލް ގަޑީގައި ޗޭންޖިން ރޫމަށް ދާން އުޅެފައި އެނބުރި ބެންޗަށް އައިސް އޭނާ ހަޅޭއްލަވައިގަތީ ގޯލްކީޕަރު ކޯޗު ޒަބީ މެންޗިސިޑޯ އަށެވެ. އެއަށްފަހު އަތުގައި އޮތް ފެންފުޅިން ބިންމަތީގައި ޖެހި ސަބަބަކީ ފުރަތަމަ ހާފުގައި ސިޓީގެ ކުޅުންތެރިން ދެއްކި ކުޅުން ގޯސްވުމާއެކު ގޯލްކީޕަރު އެޑަސަން ކުޅުމުން ބޭރުން ބޯޅައިގައި ބާރަށް ޖަހައި ދުރަށް ފޮނުވާލުމުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފެންފުޅިން ބިންމަތީގައި ޖަހަނީ - ޑެއިލީ މެއިލް

ފާއިތުވެދިޔަ ސީޒަންތަކުގައި ސިޓީ ހޯދި ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ކީޕަރު އެޑަސަން އެވެ. ނަމަވެސް އޭނާއާ މެދު ގާޑިއޯލާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ފުރަތަމަ ހާފުގައި ނިމުމުގެ ކުރިން ގޯލް ކުރިމަތިން ޖަހަން ލިބުނު ބޯޅަ ޓީމުގެ ކުޅުންތެރިއަކަށް ޕާސް ކުރުމުގެ ބަދަލުގައި ހުސްކޮށް ދުރަށް ފޮނުވާލުމުންނެވެ. ނަމަވެސް ސިޓީ މެޗުން މޮޅުކޮށްދޭން އެޑަސަން ވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި ޖޯޑަން ސަންޗޯ ޖެހި ޕެނަލްޓި ދިފާއުކޮށްފަ އެވެ.

ނަމަވެސް މި ކަމާ ބެހޭ ގޮތުން މެޗަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ސިޓީ ކުޅެނީ ދަނޑުގެ ހުރިހާ ހިސާބެއްގައި ވެސް ޕޮޒިޝަން ފުޓްބޯޅަކަން ނޭނގޭ އެކަކު ވެސް ހުރެގެންނުވާނެ ކަމަށެވެ. ނަމަވެސް އެޑަސަންއާ މެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ވެސް ސިޓީގެ އެއްވަނަ ކީޕަރަކީ އޭނާ ކަމަށެވެ. ކޯޗު މިހެން ބުނީ މި ސީޒަން ފެށުމުގެ ކުރިން އެޑަސަން ސިޓީ ދޫކޮށް ސައޫދީ ލީގަށް ނުވަތަ އެހެން ކުލަބަކަށް ހިނގައިދާނެ ވާހަކަތަކެއް އިވިފައި އޮތުމުން، އެކަން ދޮގުކުރުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް