ކ. މާލެ
|
9 އޯގަސްޓް 2024 | ހުކުރު 14:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލުން
ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރާނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ: ރައީސް ޔާމީން
ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރި ހާދިސާ ތަކަކީ އެކަންކަމުން އިބްރަތެއް ހާސިލް ކުރަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި
ރާއްޖޭގައިވެސް ރައްޔިތުންގެ ޝުއޫރު ހުރީ ބަންގްލަދޭޝްގެ ރައްޔިތުންގެ ޝުއޫރު ވެސް ހުރި ގޮތައް ކަމަށް ވިދާޅުވި
މިވަގުތު ރައްޔިތުން ނުކުމެ މަގުތައް ފުރާލާ ނުކިޔަމަންތެރިކަން ނުދެއްކިޔަސް އޭގެ މާނައަކީ ސަރުކާރަށް ތާއީދު އޮތުން ނޫންކަމަށް ވިދާޅުވި

ބަންގްލަދޭޝްގައި ވީ ގޮތަކަށް ރާއްޖޭގައި ކަން ހިނގާ، ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކޮށްފާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދެއްވަފިއިފިއެވެ.

އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ފްރަން އޮފީސް ބައްދަލުވުމުގައި" ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ، ބަންގްލަދޭޝްގައި ކަންވީ ގޮތައް ރާއްޖޭގައި ކަމެއް ނުވާނެ ކަމަށް ބައެއް މީހުން ދެކޭ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައިވެސް ރައްޔިތުންގެ ޝުއޫރު ހުރީ ބަންގްލަދޭޝްގެ ރައްޔިތުންގެ ޝުއޫރު ވެސް ހުރި ގޮތައް ކަމަށް ވުމާއެކު ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ނުކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސުވާލަކީ ބަންގްލަދޭޝްގެ ރައްޔިތުންގެ ޖަޒްބާތު ދިޔަ ހިސާބަށް ދިވެހިން ހިނގައިދާނެތޯ އުފެދޭ ސުވާލު ކަމަށެވެ.

ބަންގްލަދޭޝް ގައި ވެރިކަމާ ދެކޮޅަށް މުޒާހަރާ އަށް ނުކުތް މީހުން ސަރުކާރާ މެދު ހިތް ހަމަ ނުޖެހި އެތައް ދުވަހެއް ވަންދެން މަގުތަކުގައި މުޒާހަރާ ކުރަމުން ދިޔައިރު ސަރުކާރު ދިފާއު ކުރަން ފުލުހުންނާ ސިފައިން ނުކުތް ނަމަވެސް ފަހުން ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ކޮޅަށް ދީލާލި ކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ބަންގްލަދޭޝްގައި ވަކި ހިސާބަކަށް ރައްޔިތުންގެ ކަންކަން ދިޔައިމާ ފުލުހުންވެސް ސިފައިންވެސް ދޫކޮށްލީ.
ކުރީގެ ރައީސް ޔާމީން

ރާއްޖޭގައި އެހިސާބަށް ކަންކަން ނުދާނޭ ބުނަން އިނގެނީ ކިހިނެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެއީ ބަންގްލަދޭޝް އާ ހަމަ އަށް ނުދިޔަޔަސް ރާއްޖޭގެ ތާރީޚުން ވެސް ފެންނަން އޮތް ކަމެއް ކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ވެސް މީގެ ކުރިން އެ މަގުން ކަން ހިނގައިފާވާކަމަށް ވިދާޅުވެ، ރައީސް ޔާމީން ފާހަގަ ކުރެއްވީ 7 ފެބްރުއަރީގެ ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔަ ޙާދިސާގެ މައްޗަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގަ ހަމަ ފުލުހުންނާ ސިފައިން އެންމެ ފަހުން ގޮތް ދޫކޮށްލާފައި ދުރަށް ދިޔައީ. އެހެން ވީމާ ﷲ ކަމެއް މެދުވެރި ކުރަން ވެއްޖެއްޔާ އެއަށް އަންނާނީ ކުޑަ ހިނދުކޮޅެއް.
ކުރީގެ ރައީސް ޔާމީން

ޔާމީން ވިދާޅުވީ، ބަންގްލަދޭޝްގައި ދިޔަ ގޮތައް އެހާ ހަލަބޮލިކޮށް މިތާ ކަންކަން ދާން އެދިވަޑައި ނުގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝް އާއި ރާއްޖޭގައި ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރި ހާދިސާ ތަކަކީ އެކަންކަމުން އިބްރަތެއް ހާސިލް ކުރަން ޖެހޭ ކަންކަން ކަމަށެވެ.

ޔާމީން ވިދާޅުވީ ތާރީޚް އަކީ އިއާދަވާ އެއްޗެއް ކަމަށާއި އެހެން ކަމުން ކިތަންމެ ވަރަކަށް މަތިފަޑީގައި ތިބެގެން މިތިބީ މިވެނި މަގާމެއްގައޭ ކިޔާ ގަދަ ބަސް ބުނުމަށް ވުރެ ހިތްތިރި ކުރުމަށް ފަހު ހަވާލު ކުރި ޒިންމާ އަދާ ކުރަން އުޅުން މާ ރަނގަޅުވާނެ ކަމަށެވެ.

ވެރިކަމަށް އާދެވުމުން ކުރިން ވީ ވައުދުތަކުގެ މަތިން ހަނދާން ނެތި ކޮންމެ ގޮތަކަށް ކަން ކުރި ނަމަވެސް ވެރިކަމުގައި ތިބެވޭނެ ކަމަށް ގަބޫލު ކޮށްގެން އުޅުމަކީ އަދި ރައްޔިތުންގެ ތާއީދު އޮތުން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ވަގުތު ރައްޔިތުން ތިބި ނިކަމެތި ހާލުގެ ސަބަބުން ހިތްހަމަ ނުޖެހިފައި ތިބި ދިވެހި ރައްޔިތުން އަދި ނުކުމެ މަގުތައް ފުރާލާ ނުކިޔަމަންތެރިކަން ނުދެއްކި ކަމަށް ވިޔަސް އޭގެ މާނައަކީ ސަރުކާރަށް ތާއީދު އޮތުން ނޫން ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ރައްޔިތުންގެ ތާއީދު އޮތް ކަމަށް ދެކިގެން އުޅޭ އުޅުމަކީ "ކުށް ހީއެއް" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

- ކޮމެންޓް