ކ. މާލެ
|
9 އޯގަސްޓް 2024 | ހުކުރު 11:41
އިޒްރޭލުން ދިން ހަމަލާއެއްގައި ސުންނާފަތިވި ނުސީރަތުގެ ގެއެއް
އިޒްރޭލުން ދިން ހަމަލާއެއްގައި ސުންނާފަތިވި ނުސީރަތުގެ ގެއެއް
ރޮއިޓާރސް
ފަލަސްތީން - އިސްރާއިލް ހަނގުރާމަ
ގާޒާ ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމަށް އެމެރިކާ، މިސްރު އަދި ގަތަރުގެ ވެރިން ގޮވާލައްވައިފި
މިއީ ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް މެދުއިރުމަތި އިތުރު ހަނގުރާމައަކުން ސަލާމަތް ކުރަން މަސައްކަތް ކުރަން ލިބޭ ހަނި ފުރުސަތެއްކަން ތަޖުރިބާކާރުން ބުނެއެވެ.

މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވިފައިވަނިކޮށް، އެމެރިކާ އާއި މިސްރާއި ގަތަރުގެ ވެރިން، ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމަށް ހަމާސް އަށާއި އިޒްރޭލަށް ގޮވާލައްވައިފިއެވެ.

ސުލްހައިގެ މަޝްވަރާތަކަށް ހަމާސް އަށާއި އިޒްރޭލަށް ގޮވާލި އިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާ ތަކުގައި މަރުވި ފަލަސްތީން މީހުންގެ އަދަދު 40،000 ށް މިހާރު ވަނީ އަރާފައެވެ. އަނެއް ކޮޅުން އިޒްރޭލުން ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން އިޒްރޭލާ އީރާން އާ ދެމުދު ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުތަނަވަސް ކަން މި ދަނޑިވަޅުގައި ވަނީ އުފެދިފައެވެ.

ތިން ގައުމުން ބުރާސްފަތި ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި އިޒްރޭލަށާއި ހަމާސް އަށް ގޮވާލާފައިވަނީ އޮގަސްޓް 15 ގައި ދޯހާ ގައި ނުވަތަ ގާހިރާ ގައި މަޝްވަރާތައް ބާއްވާ މިހާތަނަށް އެއްބަސް ނުވެވި ހުރި ކަންކަމަށް މަޝްވަރާ ކޮށް އެއްބަސް ވުމަކަށް އައިސް ސުލްހައިގެ އެއްބަސްވުން އިތުރަށް ލަސްނުކޮށް ތަންފީޒް ކުރަން ފެށުމަށެވެ.

"މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް، ރަހީނުންނާއި ހަނގުރާމައިގެ ކުށްވެރިން ދޫކޮށްލަންވީ ވަގުތު،" ގުޅިފައިވާ ބަޔާނުގައި ވެއެވެ.

ތިން ގައުމުގެ ގޮވާލުމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަންނަ ހަފްތާގެ ސުލްހައިގެ ވާހަކަތަކަށް ވަފުދެއް ފޮނުވާނެ ކަމަށް ބުނެ ވަރަށް އަވަހަށް ވަނީ އިޖާބަ ދީފައި ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

ހަމާސް އިން އަދި މިހާތަނަށް ޖަވާބުދީފައި ނުވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ސުލްހައިގެ އެއްބަސްވުމަކަށް ގޮވާލާ ތިން ގައުމުން ގުޅިފައިވާ ބަޔާނެއް ނެރުނު އިރު ފާއިތުވި އެތައް މަސްދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެތައް ފަހަރެއްގެ މަތިން މަޝްވަރާތައް ކޮށް، ކޮންމެ ފަހަރަކުވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ގަތަރާއި މިސްރާއި އެމެރިކާ އިން ނެރެފައިވާ ބަޔާނުގައި "އިތުރަށް މިކަމުގައި ހޭދަ ކުރާނެ ވަގުތެއް ނެތް ކަމަށާއި، އިތުރަށް ލަސްކުރަން އެއްވެސް ފަރާތަކުން ދައްކާނެ ބަހަނާއެއް އޮވެގެން ނުވާނެ" ކަމަށް ބުނެފައިވެއެވެ.

ގުޅިފައިވާ ބަޔާނުގައި ސޮއި ކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް-ތާނީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް