Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 17:13
ރައީސް މުއިއްޒު، ރައީސް ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރައީސް މުއިއްޒު، ރައީސް ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރާއްޖެއެމްވީ
އަބްދުއްރަހީމްގެ ފާޑުކިއުން ޔާމީނަށް
ރައީސް ޔާމީން ޖަލުގައި ބޭއްވީ މުއިއްޒު ކަމަށް އަބްދުއްރަހީމަށް ވިދާޅުވެވިއްޖެ
ސިޔާސީ ކުޅިބައި އަތުރަން އެންމެ މޮޅުވާނީ އޭނާ ކަމަށާއި، މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެހެން ވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި
ޔާމީންގެ ވެރިކަން ނިމުނު އިރު އެމަނިކުފާނުގެ އެކައުންޓަށް އެތައް މިލިއަން ފައިސާ އެއް ވަނީ ކިހިނަކުންތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި
އަބްދުއްރަހީމް ވިދާޅުވަނީ ރައީސް ޔާމީން އަކީ ޚިޔާނާތްތެރިއެއް ކަމަށާއި އެކުގައި އުޅޭ މީހުންނަށް އިޚްލާސްތެރިއެއް ނޫން ކަމަށް
ޚަބަރުގެ އޯޑިއޯ

ރައީސް ޔާމީން ޖަލުގައި ބޭއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ވިދާޅުވެވިއްޖެއެވެ.

ޕީއެންސީ ގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާ ގައި ޔާމީނަށާއި އެމަނިކުފާނުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އަބްދުއްރައްހީމް އަށް ރައީސް ޔާމީން ޖަލުގައި ބޭއްވީ ރައީސް ޑރ. މުއިއްޒު ކަމަށާއި އެއީ ގަސްދުގައި ރާވައިގެން ކުރި ކަމެއް ކަމަށް ވަނީ ވިދާޅުވެވިފައެވެ.

Advertisement

މުއިއްޒުގެ ނަންފުޅު ވިދާޅުވެ ހިނދުކޮޅެއްގެ ތެރޭގައި މުއިއްޒުގެ ނަމުގެ ބަދަލުގައި، ރައީސް ޔާމީން ޖަލުގައި ބޭއްވީ ޑރ. ޖަމީލު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ހަމަ ގަސްދުގައި ރާވައިގެން ތިމަންނަ އަށް ވެރިކަން ހޯދަން ވެގެން ރައީސް ޔާމީން ޖަލުގައި ބޭއްވީ މުއިއްޒު...މީ...ޑރ. ޖަމީލް.
އަބްދުއްރަހީމް

ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އިރު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ކުރިން ވާހަކަ ދެއްކެވި އަބްދުއްރަހީމް ވަނީ ޔާމީން އަކީ ޚިޔާނާތްތެރި އެއް ކަމަށާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރާ މީހުންނަށް އިޚްލާސްތެރި ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

އޭގެ މިސާލެއްގެ ގޮތުން ޑރ. މުއިއްޒު ހަމަޖައްސަވައިދެއްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ވަނީ އޭނާ އަށް ވެސް ލަގާ އެއް ދެއްވާފައި ކަމަށާއި އަށާރަ ވަނަ މަޖިލީހުގެ ނައިބު ރައީސް ކަން އޭނާ އަށް ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެ މަގާމު ދެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އަށް ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވުނު ޚިޔާނާތުގެ މައްސަލައިގައި ކޯޓުން އިއްވި ހުކުމަކީ ހަރާން ހުކުމެއް ކަމަށް ކުރިން އަބްދުއްރަހީމް ވިދާޅުވި ނަމަވެސް ޕީއެންސީ ގެ ޖަލްސާގައި ރައީސް ޔާމީން އަކީ ވަގެއްގެ ގޮތުގައި ސިފަކުރައްވަމުން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު އަމިއްލަފުޅު އެކައުންޓުގައި އެއްލައްކަ ރުފިޔާވެސް ނެތް ބޭފުޅަކު ފަސް އަހަރު ފަހުން ވެރިކަމުން ފައިބާވަޑައިގެންނެވި އިރު ހަތަރު ސަތޭކަ މިލިއަނުން ފަސްސަތޭކަ މިލިއަނުން ޔާމީންގެ އެކައުންޓްގައި ފައިސާ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކިހިނެއް ކޮން ގޮތަކުން ޔާމީން ހޯއްދެވި ފައިސާ އެއްތޯ ސާފުކޮށްދެއްވަން ޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވިއިރު ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯއްދެވި ކަމަށް ވިދާޅުވެ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރަންޓް އޮފީސް ޖަލްސާއެއް ގައި ކުރައްވާފައެވެ. އަދި މިކަން މިހެން އޮތުމާއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރައީސް ޑރ. މުއިއްޒު އަށް ބައްލަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށާއި، އަދި އިންތިޚާބު ކާމިޔާބު ކުރައްވާ ރައީސް ކަމުގެ ހުވައި ކުރައްވާނީ ރައީސް ޔާމީން ކަމަށް ކުރިން ވިދާޅުވެ ވާހަކަފުޅު ދެއްކެވި އަބްދުއްރަހީމް އަންގާރަ ދުވަހުގެ ރޭގެ ޖަލްސާގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ޑރ. މުއިއްޒު ވެރިކަމަށް ގެނައުމުގެ އިސް ދައުރެއް އަދާ ކުރެއްވީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ.

އެކަން ކުރީ އަޅުގަނޑުމެން، މިއޮތީ އެ ޓީމް، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އާ ދެ ޕާޓީގެ އާންމު މެމްބަރުން ގުޅިގެން މިކަން ކުރީ، އިސްވެ ހުރީ އެބުނާ ނުކިޔާ އަބްދުއްރަހީމް.
އަބްދުއްރަހީމް

ރައީސް ޔާމީން ކަޓުވާލުމަށްފަހު ޑރ. މުއިއްޒު ވެރިކަމަށް ގެނައިގޮތް ކިޔައިދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭނާ އާ އެއްވަރަށް ސިޔާސީ ކުޅިބައި އަތުރާކަށް އެހެން ފަރާތަކަށް ނޭނގޭނެ ކަމުގައެވެ. އަދި އޭގެ ނަތީޖާ އަކީ ޑރ މުއިއްޒު ގެނެސް މިރާއްޖޭގެ ވެރިކަމަށް ލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް