ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 19:29
2024 މަރޗު 7 ވަނަ ދުވަހު، ގާޒާ ސްޓްރިޕްގެ ދެކުނުގައިވާ ރަފަހުްގައި ބޭއްވުނު ޖަނާޒާއެއް
2024 މަރޗު 7 ވަނަ ދުވަހު، ގާޒާ ސްޓްރިޕްގެ ދެކުނުގައިވާ ރަފަހުްގައި ބޭއްވުނު ޖަނާޒާއެއް
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ފަލަސްތީނުގެ ގަބުރުސްތާނު ތަކުން 2000 ގަބުރު އިޒްރޭލުން ވަގަށް ނަގައިފި
ގަބުރުތައް ވަގަށް ގެންގޮސްފައިވަނީ ގަބުރުސްތާނުތަކަށް ބުލްޑޯޒަރު ތަކާއި އަސްކަރީ އުޅަނދުތަކުގައި ވަދެ ކަށްވަޅުތައް ކޮނެ އެއްވެސް އިހްތިރާމެއް، އިންތިހާ ދަރަޖައަށް އަނިޔާވެރި ކަމާ އެކު އިންސާނިއްޔަތު ކަމާ މުޅިން ޚިލާފަށެވެ.
ޚަބަރުގެ އޯޑިއޯ

ފަލަސްތީނުގެ ގާޒާ ސްޓްރިޕް ގެ އެކި ގަބުރުސްތާނު ތަކުން 2000 ށް ވުރެ ގިނަ ގަބުރު އިޒްރޭލުން ވަގަށް ނަގައިފި ކަމަށް ގާޒާ ގެ މީޑިއާ އޮފީހުން ބުނެފިއެވެ.

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީންގެ ދަރިފަސްކޮޅު ނެތި ކޮށްލުމަށް ހިންގާ ހަނގުރާމައިގެ ތެރޭގައި ގާޒާގެ އެކި ގަބުރުސްތާނު ތަކުން 2000 ށް ވުރެ ގިނަ ގަބުރު އިޒްރޭލުން ވަގަށް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ގަބުރު ވަރަށް އިހްތިރާމް ކުޑަ ކޮށް ކަންތައް ކުރުމަށް ފަހު އަނބުރާ ފޮނުވާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ގަބުރުތައް ވަގަށް ގެންގޮސްފައިވަނީ ގަބުރުސްތާނުތަކަށް ބުލްޑޯޒަރު ތަކާއި އަސްކަރީ އުޅަނދުތަކުގައި ވަދެ ކަށްވަޅުތައް ކޮނެ އެއްވެސް އިހްތިރާމެއް، އިންތިހާ ދަރަޖައަށް އަނިޔާވެރި ކަމާ އެކު އިންސާނިއްޔަތު ކަމާ މުޅިން ޚިލާފަށް ކަމަށެވެ.

ގާޒާގެ ގަބުރުސްތާނު ތަކުން އިޒްރޭލުން ގަބަރު ވަގަށް ނަގާތީ އެކަމުގެ ކަންބޮޑުވުން އޮފިޝަލުން ފާހަގަ ކޮށްފައި ވާއިރު މަރުވެފައިވާ ފަލަސްތީނުގެ 80 މީހެއްގެ ހަށިގަނޑު އިޒްރޭލުން ފަލަސްތީންއާ ހޯމަ ދުވަހު ހަވާލު ކުރި ކަމަށް ޚާން ޔޫނިސްގައި ހުންނަ ފަލަސްތީންގެ ސިވިލް އިމަރޖެންސީ ސާވިސްގެ ޑިރެކްޓަރ ޔާމީން އަބޫ ސުލެއިމާން އާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެފައިވެއެވެ.

މި ގަބުރުތަކަކީ ކުރިން ވަޅުލާފައިވަނިކޮށް ކޮނެގެން ނަގާފައިވާ ގަބުރުތަކެއް ކަމެއް ނުވަތަ އިޒްރޭލުން ހައްޔަރު ކޮށް އަނިޔާ ކޮށް މަރާލި ބައެއްގެ ހަށިތަކެއް ކަމެއް އަދި ސާފު ނުވާ ކަމަށާއި، ހަވާލު ކުރި އެއްވެސް ހަށިގަނޑެއްގެ ނަމެއް، އުމުރެއް، އެއްވެސް މައުލޫމާތެއް އިޒްރޭލުން ނުދޭ ކަމަށްވެސް އަބޫ ސުލެއިމާން ބުނެފައިވެއެވެ.

ގަބުރުތައް ފަލަސްތީނަށް ހަވާލު ކޮށްފައިވަނީ ބޮޑެތި 15 ދަބަހުގައި ކަމަށާއި، އެއިން ދަބަހެއްގައި ހަތަރު ގަބުރަށް ވުރެ ގިނައިން ހުރި ކަމަށް އަބޫ ސުލެއިމާން ބުނެފައިވެއެވެ.

އދ ގެ އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން އަންދާޒާ ކުރާ ގޮތުގައި ގާޒާ އަށް އަރާ އިޒްރޭލުން ފެށި ހަނގުރާމައިގައި ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 10،000ށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް