އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރިމް އަށް ވައިގެ މަގުން އިޒްރޭލު ސިފައިން ހަމަލާދީ ހަމާސްގެ އަސްކަރީ ވިންގް ގެ ކޮމާންޑަރަކާއި އިތުރު ނުވަ މީހުން ޝަހީދު ކޮށްލައިފިއެވެ.
ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ހޮނިހިރު ދުވަހު ބުނެފައިވަނީ ފުރަތަމަ ދިން ހަމަލާގައި ނަބްލުސް ސަރަހައްދުގެ ގަސަމް ބްރިގޭޑްސްގެ ކޮމާންޑަރު ހައިތަމް ބަލީދީ ޝަހީދުވެފައިވާ ކަމަށެވެ. މިހަމަލާގައި އަލް ގުދްސް ބްރިގޭޑްސްގެ އިސް ލީޑަރެއްގެ އާއިލާގެ މެމްބަރަކު ޝަހީދުވި ކަމަށް ވެސް މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.
އަލް-ގުދުސް ބްރިގޭޑްސް އަކީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގްރޫޕްގެ ހަތިޔާރު އެޅި ގޮތްޕެވެ.
ހަމަލާގައި ޝަހީދުވި އެހެން މީހުން އަދި ދެނެގަނެވިފައެއް ނުވެއެވެ.
އެއްވެސް ހެތްކެއް ދެއްކުމެއް ނެތި އިޒްރޭލުން ބުނީ ހަމަލާދިނީ ޓެރަރިސްޓުން ދަތުރު ކުރި ކާރަކަށް ކަމަށާއި، އެމީހުން ދަތުރު ކުރަމުން ދިޔައީ ހަމަލާ އެއް ދިނުމަށް ކަމަށެވެ.
އޭގެ ދެތިން ގަޑީއިރު ފަހުން އަނެއްކާ އިތުރު ހަމަލާ އެއް ތުލްކަރިމްގެ ބަލްއާ ސަރަހައްދުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ވަނީ ދީފައެވެ. އެ ހަމަލާގައި 4 މީހުން ޝަހީދުވެފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.
ފުރަތަމަ ހަމަލާ އަށް ފަހު އިޒްރޭލް ސިފައިން ގެންދިޔައީ ތުލްކަރިމް އަށް އަރާ މުޅި ސަރަހައްދު ރެއިޑް ކުރަމުންނެވެ. އެއާ އެކު ފަލަސްތީނުގެ ހަނގުރާމަ ވެރިންނާއި އިޒްރޭލް ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގާ އެ ހާދިސާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަށް އިޒްރޭލް ސިފައިން ވަނީ ކަރުނަ ގޭސް ޖަހާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތުލްކަރިމް ސިޓީ އަށް އިޒްރޭލް ސިފައިން އަރާ ބުލްޑޯޒަރ ބޭނުން ކޮށްގެން އެ ސިޓީގެ އިމާރާތްތަކަށާއި އިންފްރަސްޓްރަކްޗަރ އަށް ވަނީ ގެއްލުން ދީފައެވެ.
ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ހުޅަނގު އައްސޭރިން އެކަނި 600 ފަލަސްތީން މީހުން އިޒްރޭލް ސިފައިން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 144 ކުޑަކުދިން ހިމެނެއެވެ.
އިޒްރޭލުން ހުޅަނގު އައްސޭރި ހިފީ 1967 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ސަރަހައްދު ގަދަ ކަމުން ހިފާ ކޮންޓްރޯލް ކުރަމުން ގެންދަނީ އިޒްރޭލުންނެވެ. އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިޒްރޭލުން ހުޅަނގު އައްސޭރީގައި ތިބެނީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެފައެވެ.