Advertisement
ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 17:07
ބުރާސްފަތި ދުވަހު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބުރާސްފަތި ދުވަހު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފެނަކަ
ފެނަކައިން އައިސްޕްލާންޓްގެ މަސައްކަތް ހުއްޓާލުން
އައިސްޕްލާންޓް އެޅުމާއި އައިސްޕްލާންޓް އޮޕަރޭޓް ކުރުން ފެނަކައިން ހުއްޓާލައިފި
އައިސްޕްލާންޓް ހިންގަން އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވެފައިވޭ
އައިސްޕްލާންޓް ހިންގުމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން ވެސް ފެނަކާގައި ނެތް
ފެނަކައިން އޮޕަރޭޓް ކުރަމުން އައީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި 17 އައިސްޕްލާންޓެއް

އައިސްޕްލާންޓް އެޅުމާއި އައިސްޕްލާންޓް އޮޕަރޭޓް ކުރުން ފެނަކަ ކޯޕްރޭޝަނުން ހުއްޓާލައިފިއެވެ.

ބުރާސްފަތި ދުވަހު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިން ކުރަންޖެހޭ ކަންތައްތަކުގެ ބޭރުން ކަންކަންކޮށްފައިވާ ކަމަށާއި، ކުރަން ނުޖެހޭ ބައެއް މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

Advertisement

އެގޮތުން އައިސްޕްލާންޓް އެޅުމާއި އައިސްޕްލާންޓް އޮޕަރޭޓް ކުރުން ހުއްޓާލާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ. އައިސްޕްލާންޓްތަކުން ކުންފުންޏަށް ބޮޑެތި ގެއްލުންވެފައިވާ ކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އައިސްޕްލާންޓް ހިންގަން އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވަމުން އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އައިސްޕްލާންޓް ހިންގުމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން ވެސް ފެނަކާގައި ނެތް ކަމަށެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ އޭޓީއެމް އިމާރާތްކުރުމަށް އެތައް މިލިއަން ރުފިޔާއެއް ފެނަކައިން ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމެއް ނޫން ކަމަށާއި، އެއީ ކުންފުންޏަށް ފައިދާވާނެ މަސައްކަތެއް ނޫން ކަމަށެވެ. އެހެންކަމުން އެމަސައްކަތް ވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއް. ފެނަކާގެ އަޅުގަނޑުމެންގެ ފޯކަސްއިން ބޭރު ނޫނިއްޔާ އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކަށްވުރެ ބޭރުން ބައެއް ކަންތައްތައް ކުރެވިފައިވޭ. އޭގެ ތެރޭގައި އައިސްޕްލާންޓް އެޅުމާއި އައިސްޕްލާންޓް އޮޕަރޭޓް ކުރުމާއި މިކަންކަން ވެސް ކުރެވިފައި މިވަނީ. ދެން ކަމާގުޅުންހުރި މިނިސްޓްރީތަކާ ވާހަކަދައްކައިގެން އަޅުގަނޑުމެން އެއްބަސްވުމަކަށް އައިސްފައި މިއޮތީ މިއަދަކީ އެންމެ ފަހު ދުވަސް މިއަދުން ފެށިގެން އަޅުގަނޑުމެން އެ ޚިދުމަތް ހުއްޓާލާނެ ކަމަށް. އެހެންވީމަ އައިސްޕްލާންޓްތައް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ނުހިންގާނެ. އައިސްޕްލާންޓުތަކުން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރީ. އެހެންވީމަ އޮޕަރޭޝަނަލީ 12 މިލިއަން ރުފިޔާ އަހަރަކަށް އަޅުގަނޑުމެންނަށް ގެއްލުން ވަމުން އައިސްފައި ހުރީ. އެހެންވީމަ އަޅުގަނޑުމެން ނިންމީ ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ނުކުރާނަމޭ. އޭގެ ތެރެއިން އައިސްޕްލާންޓް އޮޕަރޭޓް ކުރުން ނިމުމަކަށް ގެނައީ. ދަރަނި އިތުރުކުރެވޭ ގޮތަށް ހުރި ކަންތައްތައް ހުއްޓާލީ.
ފެނަކާގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

އައިސްޕްލާންޓް އެޅުމާއި އައިސްޕްލާންޓް އޮޕަރޭޓް ކުރުން ފެނަކައިން ހުއްޓާލުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފެނަކަ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އައިސްޕްލާންޓްތައް އޮޕަރޭޓް ކުރުން ހުއްޓާލީ މަސްވެރިންނަށް ދަތިކޮށް ޖެއްސުން ކުރުމަށް ކަމަށާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސްވެރިންނަށް އިތުބާރާއެކު އެ ޚިދުމަތް ފެނަކައަށް ދެވޭނެ ކަމަށެވެ. މާޒީގެ ތަޖުރިބާއަށް ރިޔާއަތްކޮށް، ދިމާވާ މައްސަލަތަކަށް ވަގުތުން ފަސޭހަކަމާއެކު ހައްލު ހޯދައިދެވޭނެ ހަމައެކަނި ކުންފުންޏަކީ ފެނަކަ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ދަށުން އެ ޚިދުމަތްތައް މަސްވެރިންނަށް ފޯރުކޮށްދިނުމަށް ކަމުގެ އިލްމާއި، ހުނަރު ލިބިފައިވާ ގާބިލް ޒުވާން ދިވެހި ޓެނިކަލް މުވައްޒަފުން ކޮންމެ ރަށެއްގައި ތިބޭނެ ކަމަށެވެ.

ފެނަކައިން އޮޕަރޭޓް ކުރަމުން އައީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި 17 އައިސްޕްލާންޓެކެވެ. ފެނަކައިން މިމަސައްކަތް ހުއްޓާލުމުން ދެން އައިސްޕްލާންޓްތައް އޮޕަރޭޓްކޮށް ހިންގަމުންދާނީ މިފްކޯއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް