ތުރުކީން އިޒްރޭލަށް އަރާފާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވުމާ ގުޅިގެން އުރުދުޣާން ހިންގަވަނީ ސައްދާމް ހިންގެވި މަގުން ކަމަށާއި، ނޭޓޯ ގެ މެމްބަރު ކަމުން ތުރުކީ ވަކި ކުރަން ޖެހޭ ކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ނެރުއްވި ރަސްމީ ބަޔާނުގައި ތުރުކީން މި ދިނީ އިޒްރޭލު ހިފާފާނެ ކަމުގެ އިންޒާރެއް ކަމަށް ބަލައި ނޭޓޯ އިން ތުރުކީ ބޭރު ކުރުމަށް ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަރުކާރުތަކާ މަޝްވަރާ ތައް ފެށުމަށް އޭނާ އިޒްރޭލުގެ ޑިޕްލޮމެޓުންނަށް ވަނީ ގޮވާލައްވާފައެވެ.
ތުރުކީ އިން އިޒްރޭލަށް އަރާފާނެ ކަމުގެ އިންޒާރު ދެއްވަމުން މި ދިޔަ އާދިއްތަ ދުވަހު ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވީ އެކަން ކުރާނީ މީގެ ކުރިން ލީބިޔާ އަށް ވެސް އަދި ނަގޯނޯ ކަރްބާޚް އަށް ވެސް ތުރުކީން އެރި ފަދައިން ކަމަށެވެ.
ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ފާޑު ވިދާޅުވާ އުރުދުޣާން މި މޭމެރުމުން ވާހަކަ ދެއްކެވީ ތުރުކީގެ އަސްކަރީ ސިނާއަތުން ހޯދާފައިވާ ކުރިއެރުން ތަކާބެހޭ ގޮތުން ދެއްވި ތަގުރީރެއްގެ ތެރޭގައެވެ.
އުރުދުޣާން ވިދާޅުވީ، ތުރުކީން ބާރު ގަދަ ކުރަން ޖެހޭ ކަމަށާއި އޭރުން އިޒްރޭލަށް ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.
"ތުރުކީގެ ބާރު ގަދަ ކުރަން ޖެހޭ، އޭރުން އިޒްރޭލަކަށް ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް މި ހިންގާ ޖަރީމާ ތަކެއް ނުހިންގޭނެ، އަހަރެމެން އެރިން ކަރަބާޚް އަށް، އެއީ ހަމަ ލީބިޔާ އަށް ވެސް އެރި ގޮތައް، އިޒްރޭލަށް ވެސް އެހެން ހެދި ދާނެ،" އުރުދުޣާންގެ އުފުން ޝަހަރުގައި، ވެރިކަން ކުރާ އޭކޭ ޕާޓީން އިންތިޒާމް ކުރި މި ޖަލްސާ ގައި ވިދާޅުވިއެވެ.
އުރުދުޣާން އެ ހިންގަވަނީ ސައްދާމު ހުސެއިން ހިންގެވި މަގުން ކަމަށާއި، ސައްދާމަށް ވީ ގޮތާއި، ނިމިގެން ދިޔަ ގޮތް އުރުދުޣާން އަށް އެނގިވަޑއިގަންނަވަން ޖެހޭނެ ކަމަށް އުރުދުޣާންގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން އިޒްރޭލްގެ ޚާރިޖީ ވަޒީރު ނެރުއްވި ބަޔާނުގައި ވެއެވެ.
އިޒްރޭލް އާއި ތުރުކީ އަކީ ކުރިން ގުޅުން ރަނގަޅު ދެ ގައުމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެ ގައުމެވެ. އެހެން ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސް ވެފައެވެ.
ސިޔާސީ ގުޅުން ހީނަރު ވުމުގެ އިތުރުން ވިޔަފާރީގެ ގުޅުން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެންމެ ފަހުން މި މަހު ތުރުކީ އިން ބުނެފައިވަނީ ގާޒާ ގެ ހަނގުރާމަ ހުއްޓާ ނުލާ ނަމަ އިޒްރޭލާ އެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާނެ ކަމަށެވެ.