އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ބާންލީއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-3 ގެ ނަތީޖާ އަކުންނެވެ. ގިނަ ކާޑުތަކެއް ފެނިގެން ދިޔަ މެޗުގައި ޗެލްސީއިން އުފެއްދި ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއްނުވެއެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންއައީ ޗެލްސީއިންނެވެ. އެހެން ނަމަވެސް މެޗުގެ 14 ވަނަ މިނިޓުގައި ޗެލްސީގެ ކެޕްޓަން ގެރީ ކޭހިލް ބާންލީގެ ސްޓީވަން ޑެފޯއަށް ކުރި ނުރައްކާތެރި ޓެކަލްއެއްގެ ސަބަބުން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.
މި ކާޑާއެކު ބާންލީއިން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. އެގޮތުން މެޗުގެ 24 ވަނަ މިނިޓުގައި ބާންލީގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޭމް ވޯކްސްއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބާންލީގެ ސްޓީވެން ވާޑްވަނީ އެރިއާ ބޭރުން ވަރަށް ހިތްގައިމު ގޯލެއް ކާމިޔާބު ކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް ވޯކްސް ވަނީ ބާންލީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-2 ގެ ނަތީޖާއަކުން ބާންލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށުމާއެކު ޗެލްސީއިން ވަނީ ބާންލީގެ ހާފްގައި ބޯޅަ ގެންގުޅެ އެޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލްވާރޯ މޮރާޓާ ވަނީ 69 މިނެޓުގައި ވިލިއަން ނަގައިދިން ހުރަހަކުން ގޯލެއް ކާމިޔާބު ކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ޗެލްސީއަށް އިތުރު ދަތިތަކަކާ ކުރިމަތިވެގެން ދިޔައީ 81 ވަނަ މިނުޓުގައި ސެސްކް ފެބްރިގާސްއަށް ދެވަނަ ރީދޫ ކާޑަކާއެކު ރަތްކާޑު ދައްކުމުންނެވެ.
ނުވަ މީހުންނާއެކު ކުޅެމުންދިޔަ ޗެލްސީއަށް، ދެވަނަ ގޯލް މެޗުގެ 88 ވަނަ މިނިޓުގައި މޮރާޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑާ ޑޭވިޑް ލުއީޒްއެވެ.
މި ނަތީޖާއާއިއެކު ޗެލްސީ ޕޮއިންޓް ތާވަލުގެ 16 ވަނައިގައި އޮތްއިރު ބާންލީ އޮތީ ހަތަރު ވަނައިގައެވެ.
ޗެލްސީގެ މެޗެއް ދެން އޮންނާނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ޓޮޓެންހަމްއާއި ދެކޮޅަށެވެ.