ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 18:24
ޑޯނިއާގެ ޚިދުމަތް އަލުން ފެށިކަން ރައީސް ޑރ މުއިއްޒު ހާމަކޮށްދެއްވީ ޖުލައި 26 ވީ ހުކުރު ދުވަހުގެ ރޭ
ޑޯނިއާގެ ޚިދުމަތް އަލުން ފެށިކަން ރައީސް ޑރ މުއިއްޒު ހާމަކޮށްދެއްވީ ޖުލައި 26 ވީ ހުކުރު ދުވަހުގެ ރޭ
ރާއްޖެއެމްވީ
އިންޑިއާގެ ޑޯނިއާ ބޭނުންކުރަން ފެށުން
ފަޚުރުވެރި މިނިވަން ދުވަހު މިނިވަން ފަޒާގައި އެ އުދުހެން ފެށީ އެއްކަލަ އިންޑިއާގެ ޑޯނިއާއެވެ
ދިވެހިން ތަމްރީން ކޮށްގެން، ދިވެހިން ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި އޮންނަންވާނެ ކަމަށް ބުނެ ވަކާލާތު ކުރުމަށްފަހު، ކަން ވެގެން ދިޔައީ އަނެއްކާވެސް ބުނި ގޮތާ ދިމާ އިދިކޮޅަށެވެ. އޮޕަރޭޓް ކުރަނީ އިންޑިއާ މީހުންނެވެ. އުދުއްސަނީވެސް އިންޑިއާ އިން ދިން ބޯޓެވެ.
ޚަބަރުގެ އޯޑިއޯ

މިނިވަންކަމުގެ ހަތުރެއްގެ ގޮތުގައި ދައްކަމުން ދިޔަ އިންޑިއާގެ ޑޯނިއާ މަތިންދާ އަނެއްކާވެސް ރާއްޖޭގައި އުދުއްސަން ފަށައިފިއެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ބޯޓުފަހަރު އޮޕަރޭޓް ކުރުން ހުއްޓާލި މަންޒަރު ފެނުނެވެ. ބަލި މީހުން އުފުލުމުގައި މައްސަލަތައް ކުރިމަތިވެ ސަރުކާރަށް އާންމުންގެ ފާޑުކިޔުން އޭރު އަމާޒުވެގެން ދިޔައިރު ވެސް ސަރުކާރުން އޮތީ ޑޯނިއާ ގްރައުންޑް ކޮށްފައެވެ. ސަރުކާރުން ބުނާ އިންޑިއާގެ މަދަނީ މީހުން ބޯޓު އޮޕަރޭޓް ކުރަން ހަވާލުވި ފަހުންވެސް ބަލި މީހުން އުފުލުމުގައި ޑޯނިއާގެ ޚިދުމަތް ދިނުން އޮތީ ހުއްޓާލާފައެވެ. ސަރުކާރުގެ ނުރުހުން އެ ބޯޓުފަހަރަށް ހުރީ އެވަރުގައެވެ.

މަންޒަރު ބަދަލުވެ، އިންޑިއާގެ ޑޯނިއާ ދެކެ ނަފްރަތު ވެފައި ތިބި މީހުން ވެރިކަމަށް އައިސް އެ ނަފްރަތު ކަން ދެއްކުމަށް ބަނޑުބިންމަތީގައި ޖައްސާފައި ބޭތިއްބި އިންޑިއާގެ ބޯޓުތައް އަލުން އުދުއްސާލަން މިފެށީ ވެސް ދެވަނަ އެހެން ދުވަހެއްގައެއް ނޫނެވެ. ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުއެވެ.

ޖުލައި 26 ވީ ހުކުރު ދުވަހުގެ ރޭ އެ ބޯޓުގެ ޚިދުމަތް އަލުން ފެށިކަން ހާމަ ކުރީވެސް އާދަޔާ ޚިލާފް މިނިވަންކަމެއް ރާއްޖެއަށް ހޯއްދަވައިދެއްވާ ކަމަށް ވިދާޅުވަމުންދާ ރާއްޖޭގެ އަދުގެ ރައީސުލް ޖުމްހޫރިއްޔާ އާއި މިނިވަންކަން ދިފާޢު ކުރުމުގެ ޒިންމާ އާ ހަވާލުވެ އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.

ސިއްޙީ އަވަސްފަރުވާ ދިނުމަށް 36 އަހަރުގެ ބަލިމީހެއް، ޑޯނިއަރ އެއަރކްރާފްޓްގައި އެމްއެންޑީއެފް އެއަރ ކޯރއިން މާލެ ގެނެސްފައި - އެމްއެންޑީއެފް

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ބޯޓު ދަތުރުތައް އަލުން ފަށާ ބަލި މީހަކު ގޮވައިގެން ޑޯނިއާ މަތިންދާ ބޯޓު ހދ. ހަނިމާދޫއިން މާލެ އައިކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ޕްލެޓްފޯމްތައްވެސް، އޭގަ ތިބި މިލިޓަރީ ބޭފުޅުން ގެންގޮއްސަ މަދަނީ ބޭފުޅުން ލައިގެން، އެ ސާވިސްތައްވެސް ބޭނުން ކުރަން ފަށައިފިން،...މިރޭ ފުރަތަމަ ފްލައިޓް ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެ އަށް އެ އައީ، އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން

ރާއްޖޭގައި ބޭރު ގައުމަކާ ދެކޮޅަށް މި ފަހުގެ ތާރީޚްގައި ހިންގި އެންމެ ބޮޑު ކެމްޕޭން ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތުގައި އިސް ސަފުގައި އުޅުއްވި ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ ދެ މަތިންދާ ބޯޓު ބަލި މީހުން އުފުލުމުގައި ބޭނުން ކުރުން އޭރު އިދިކޮޅުގައި ތިބެ މިހާރުގެ ވެރިން ސިފަކުރަމުން ދިޔައީ އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

އަދި އެއީ އެފަދަ ޚިދުމަތެއް ދިނުން އެއީ ރާއްޖެއަށް އަމިއްލަ އަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމުގައާއި އިންޑިއާ އިން އެ ޚިދުމަތް ހޯދުމަކީ އިންޑިއާގެ އަޅުވެތި ކަމުގައި ރާއްޖެ އޮތުން ކަމަށް ދައްކަންވެސް މަސައްކަތް ކޮށްފައިވެއެވެ.

އޭރު މައްސަލައަކީ ހަމައެކަނި އިންޑިއާ އިން ދީފައިވާ އުޅަނދުތައް ބޭނުން ކުރުން އެކަންޔެއްވެސް ނޫނެވެ. އިންޑިއާ މީހުން އެތަކެތި އޮޕަރޭޓް ކުރުން އޮތީ އަދި މާބޮޑު މައްސަލައަކަށް ހަދާފައެވެ. މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ އޭރު އިދިކޮޅުގައި ހުންނަވާ ދިވެހި ޕައިލެޓުން ތަމްރީން ކުރުމަށް އިންވެސްޓް ކުރުމަށް ރައީސް ސޯލިހްގެ ސަރުކާރަށް ގޮވާލައްވާފައެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އޮތީ ދިވެހިންނަށް ހެލިކޮޕްޓަރު ނުދުއްވޭނެ ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހެލިކޮޕްޓަރު ދުއްވުމަކީ އެބުނާހާ ޚާއްސަ ކަމެއް ނޫން ކަމަށެވެ. އަމީން އޭރު ވިދާޅުވެފައިވަނީ ހެލިކޮޕްޓަރ ދުއްވަން ތަމްރީންނަށް ހިނގާނީ އެންމެ 45 ދުވަސް ކަމަށާއި، އެކަމަށް މާބޮޑު އެއްޗެއް ހޭދަވެސް ނުވާނެ ކަމަށެވެ.

މިހާރު އިންޑިއާ އިން ދިން ބޯޓު ފަހަރު "ހަލާލު" ކުރުމަށް ޑރ މުއިއްޒު ވިދާޅުވީ، ޑޯނިއާ އޮޕަރޭޓް ކުރަން ފެށީ އޭގައި ތިބި އިންޑިއާގެ "އަސްކަރީ ބޭފުޅުން" ފޮނުވާލުމަށް ފަހުގައި ކަމަށެވެ.

ޑޯނިއާ އޮޕަރޭޓް ކުރަން އަލުން އިންޑިއާ އިން ރާއްޖެއަށް ފޮނުވާފައިވަނީ އިންޑިއާ އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުންނެވެ. ބައެއް ފަރާތްތަކުން އަދިވެސް މިކަމުގައި ދެކެމުން އަންނަނީ ޝައްކުގެ ނަޒަރަކުންނެވެ. އެމީހުންގެ ނަޒަރުގައި ހަމައެކަނި ބަދަލުވީ އަޅައިގެން ތިބި ޔުނީފޯމެވެ. އެހެން ކަމެއް ބަދަލެއް ނުވެއެވެ.

މިކަމުގައި އެންމެ ބޮޑަށް ފާޑުވިދާޅުވާ އަދި އިންޑިއާ އައުޓް ކެމްޕޭން ގައި ޑރ. މުއިއްޒުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ރާއްޖޭގައި ޑޯނިއާ ދުއްވަން ޔުނިފޯމު ބަދަލު ކުރުމަށް ފަހު "އިންޑިއާގެ ސިފައިން" ތިބެން ނުޖެހޭނެ ކަމަށެވެ.

ކޮންމެހެން ޔުނިފޯމް ބަދަލުކޮށްފައި މަދަނީ މީހުންގެ ގޮތުގައި ތިބެގެން ސިފައިން އައިސް މިތާ އުޅޭކަށް ނުޖެހޭ ނޫންތޯ ހެލިކޮޕްޓަރު ދުއްވާކަށް
ކުރީގެ ރައީސް ޔާމީން

ޑރ. މުއިއްޒުގެ މިނިވަން ދުވަހުގެ މުނާ ސަބަތުގައި ދެއްކެވި ވާހަކަފުޅުގައި "އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައާރުފް ކުރެވިފައިވާ" ކަމަށާއި އަދި ހުރިހާ ރައްޔިތުންނަށްވެސް އޭގެ އިހްސާސް ކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިހާރު ދެން ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމުގައި މިހާ ބޮޑު ވަތަނީ ރޫހެއްގައި މަސައްކަތް ކުރާ ސަރުކާރަކުން ދިވެހި ލޮބުވެތި ރައްޔިތުން ބަލި އެނދުގައި އޮވެގެން އެއްތަނުން އަނެއް ތަނަށް ދާން ޖެހޭ ނާޒުކު ހާލަތުގައި ބޭރު މީހުންގެ އަތްދަނޑިމަތީގައި އެމީހުން އުފުލަން ޖެހުން އެއީ ދިވެހިންގެ މިނިވަންކަމަށް އައިބު ކަމެއް ކަމަށް ނުދެކެނީ ބާވައެވެ؟

ދިވެހިން ނުހަނު ފަސޭހަ ކަމާއެކު ތަމްރީން ކޮށްގެން، ދިވެހި ސަރުކާރުގެ އަމިއްލަ ވަންތަ ޚިދުމަތެއްގެ ގޮތުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް އޮންނަންވާނެ ކަމަށް ބުނެ ވަކާލާތު ކުރުމަށްފަހު، ކަން ވެގެން ދިޔައީ އަނެއްކާވެސް ބުނި ގޮތާ ދިމާ އިދިކޮޅަށެވެ. ބޯޓު އޮޕަރޭޓް ކުރަނީ ވެސް އިންޑިއާ މީހުންނެވެ. އުދުއްސަނީވެސް އިންޑިއާ އިން ދިން ބޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް