ބޭރުގައުމުތަކަށް ދައްކަން ހުރި ދަރަނި ދެއްކުން ފަސްކުރުމުގެ މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ދަރަނި ދެއްކުމަށް އެންމެ ބޮޑު އެހީއެއްވެފައިވާ ދެ ގައުމަކީ ޗައިނާއާއި އިންޑިއާ ކަމަށެވެ.
އެގޮތުން އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވަރ ކޮށްދީފައިވާ ކަމަށާއި، ބޭސިކް ކޮމޮޑިޓީސް ކާބޯތަކެތީގެ ކޯޓާ ވެސް ދެއަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ ޗައިނާ ސަރުކާރުން ވަނީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިހުރި ލޯނާއި ލޯނުގެ އިންޓަރެސްޓް ކުރިއަށް އޮތް ފަސް އަހަރު ނުދައްކާ ގޮތަށް ހަމަޖައްސައިދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. އަދި ފަންނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިއީ ގައުމެއްގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭނެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ޔޫއޭއީގެ ސަރުކާރުން ވެސް ވަރަށް ހެޔޮ ކަމަށާއި، ޔޫއޭއީއަށް ދައްކަން އޮތް ލޯނު ވެސް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ފޮސްކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ އެކިކަންކަމުގައި ނަގާފައި ހުރި ލޯނުތައް ލުއި ގޮތަކަށް ބަހާލައިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިގްތިސާދު މެނޭޖްކުރުމަށް ކަމަށެވެ. އިގްތިސާދީ ސިޔާސަތު ޔަގީން ކުރުމަށްޓަކައި ރޭވިފައި އޮތް ގޮތަށް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަންޏާ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ލިބުނު ފައިސާއިން ފައިސާ ޗާޕު ކުރުމަކާ ނުލާ 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި އެއްވެސް ލޯނެއް ޑީފޯލްޓު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއޯވަރ ކޮށްދެއްވާފައި. އަދި ބޭސިކް ކޮމާޑިޑީސް ކާބޯތަކެތީގެ ކޯޓާ ވެސް ދެއަހަރު ދުވަހަށް އިތުރުކޮށްދެއްވާ މިފަދަ ކަންތައްތައް ކޮށްދެއްވާފައި. ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ވެސް ބޭނުންކުރެވޭނެ ގޮތް މަގުފަހިކޮށްދެއްވާފައި. ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އޭގެ ކުރިން ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިހުރި ލޯނުތައް ނުދައްކާ ކުރިއަށް އޮތް ފަސް އަހަރު އެލޯނުތަކާއި އެލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދޭނެކަމުގެ ފެހި ސިގްނަލް ދެއްވާފައި. އެކަމުގެ ފަންނީ މަސައްކަތް މިހާރު އެ ހިނގަނީ. މިއީ ނޫންތޯ ގައުމެއްގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭނެ ގޮތަކީ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ ރީފޯމް އެޖެންޑާ ތަންފީޒު ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ޔަގީން ކުރުމަށް ކަމަށާއި، ފަރުދީ ގޮތެއްގައި ފުދުންތެރިކަން އިހުސާސް ނުވާނަމަ ގައުމުގެ މިނިވަންކަން އެފަރުދަކަށް އިހުސާސް ނުވާނެ ކަމަށެވެ.