ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 09:37
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގޫގުލް
ގާޑިއޯލާގެ ކުރިމަގު
ސިޓީ ދޫކޮށްލާކަން ނުނިންމަން، އެހެނެއް ނުވެސް ބުނަން - ގާޑިއޯލާ
ސިޓީގައި މަޑުކުރުމުގެ ފުރުޞަތު އެބައޮތެވެ.

ކުރިއަށް އޮތް ސީޒަން ނިމުމުން މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނުނިންމާ ކަމަށާއި, އަދި އެހެން ނުވެސް ބުނާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރީ ސީޒަން ޓުއަރގެ ތެރެއިން ކޯޗު ގާޑިއޯލާ ބުނީ ސިޓީގައި މަޑުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ކުރިއަށް އޮތް ސީޒަންް ނިމުމުން އޭނާ ސިޓީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ ތަށި ހޯދައިދިނުމަށްފަހު ގާޑިއޯލާ ބުނީ ސިޓީގައި ހޭދަކުރި މުއްދަތަށް ވުރެ ސިޓީ ދޫކޮށްލާ މުއްދަތު ގާތް ވެއްޖެ ކަމަށެވެ. ގާޑިއޯލާ ބުނީ އިތުރު 8 ސީޒަން ސިޓީގައި ދެން ނުހުންނާނެ ކަމަށެވެ. ކުރިއަށް އޮތީ ސިޓީގައި ގާޑިއޯލާގެ 9 ވަނަ ސީޒަނެވެ. މިއީ އެއް ކްލަބެއްގައި ގާޑިއޯލާގެ އެންމެ ދިގު މުއްދަތެވެ. ބާސެލޯނާގައި ހޭދަކުރީ 4 ސީޒަނެވެ. އަދި ބަޔާން މިއުނިކްގައި 3 ސީޒަނެވެ.

ސިޓީގައި ހޭދަކުރި އަށް ސީޒަންގައި އޭނާ ވަނީ ޕްރިމިއަރ ލީގު 6 ފަހަރު ކާމިޔާބުކޮށްދީފައެވެ. މިދިޔަ 4 ސީޒަންގައިވެސް ޕްރިމިއަރ ލީގު ޗެމްޕިއަން ޓީމަކީ ސިޓީ އެވެ. ގާޑިއޯލާ ބުނީ ކްލަބް ދޫކޮށްލަން ނުނިންމާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމާނަމަ ފުރަތަމަ ވާހަކަ ދައްކާނީ އޭނާގެ ސްޕޯޓިންގ ޑިރެކްޓަރުގެ އިތުރުން ކްލަބްގެ ސީއީއޯއާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އޭނާގެ ނިންމުން ބިނާވާނީ ކްލަބަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެކަމަކު އަދި ކްލަބް ދޫކޮށްލަން ނުނިންމާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް