ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 13:01
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ
އިސްލާމިކް މިނިސްޓްރީ
ޚުކުރު ޚުތުބާ - ރިޒްގުގެ ބަރަކާތް ހޯދުން
ރިޒްގު ހޯދަން އެދޭ މީހާ ފަތިހާ ތެދުވެ މަސައްކަތް ފަށަންޖެހޭ، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭނެ: ޚުތުބާ
އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއް
މަސައްކަތްނުކުރާ މީހަކީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައެއް
ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރަންޖެހޭ

ރިޒްގު ހޯދަން އެދޭ މީހާ ފަތިހާ ތެދުވެ މަސައްކަތް ފަށަންޖެހޭ ކަމަށާއި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރިޒްގުގެ ބަރަކާތް ހޯދާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ރިޒްގު ހޯދުމަށް މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ މަޚްލޫގާތުންގެ ކިބައިގައި ލައްވައިފައިވާ ފިތުރީ ކަމެއް ކަމަށާއި، ރިޒްގު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ހަޟްރަތުން ތައުފީގު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ހަޔާތް އާރާސްތުކުރާ މީހާ ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއް ކަމަށާއި، ﷲގެ ހަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެން ނުވާ ކަމަށެވެ. މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނޭ ކަމަށާއި، މީހުންގެ ލޯތްބާއި އިހްތިރާމު ލިބޭނެ ކަމަށެވެ. މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި، އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދުނިޔަވީ ހަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ހަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްގުން މަހްރޫމުވާ ކަމަށާއި، ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ހައްގު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް ކަމަށެވެ. އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެ ކަމަށާއި، ފަތިސްނަމާދު ނުކުރުމުން ﷲގެ ރުއްސެވުމުން އޭނާ މަހުރޫމުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މި ވަގުތުގެ ބަރަކާތުން އިންސާނާ މަހްރޫމު ކުރެވޭތޯ ޝައިތާނާ މަސައްކަތް ކުރާނެ ކަމަށާއި، ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ ކަމަށެވެ. މި ފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުން ކަމަށާއި، އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް ގެއްލުނީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރިޒްގު ތަނަވަސްކޮށްދެއްވައި، ރިޒްގުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ފަތިހާ ތެދުވެ ރިޒްގު ހޯދާން މަސައްކަތް ފެށުމާއެކު، ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ. އަދި ސަދަގާތްތަކުން ޔަތީމުންނާއި މިސްކީނުންގެ އެހީވުން ހިމެނޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނެއެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، وَأَنْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ)[2] މާނައީ: "އޭނާގެ ރިޒްޤު ތަނަވަސްވުމަށާއި އޭނާގެ ޢުމުރު ދިގުވުމަށް ލޯބިކުރާ މީހާ ފަހެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ." ﷲގެ އަޅުންނާ ކުރިމަތިވެފައިވާ މާލީ ބުރަތަކުން އެމީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރާށެވެ! ތިޔަބައިމީހުންގެ ޞަދަޤާތްތަކުން ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދޭށެވެ! ހަމަކަށަވަރުން ޞަދަޤާތަކީ، މުދަލުގައި ބަރަކާތްލައްވައި، މުދާ ރައްކައުތެރިކޮށްދެއްވާނެ ކަމެކެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައިވެއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)[1] މާނައީ: "ޞަދަޤާތުގެ ސަބަބުން އަޅާގެ މުދަލަށް އުނިކަމެއް ނާންނާނެތެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެ، މީސްތަކުންގެ މުހުތާދުތައް ގިނަވެފައިވާ ކަމަށެވެ. އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޒަރޫރީ ކަންކަމަށް ބަދަލުވެފައި ކަމަށާއި، މީގެ އެއް މިސާލަކީ އެއާކޮންޑިޝަން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޚުތުބާގައި ބުނީ މީގެ އަހަރުތަކެއް ކުރިން އެއީ ޒަރޫރީ ބޭނުމެއް ނޫން ކަމަށާއި، ނަމަވެސް މިއަދު އެއާ ނުލައި އުޅެވޭކަށް ނެތް ކަމަށެވެ. އަދި މޯބައިލް ފޯނާއި ކޮންޕިޔުޓަރު ފަދަ ވަސީލަތްތައް ވެސް އެ ފަދަ ކަމަށާއި، މި ކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިގްތިސާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިޒްގު ހޯދާން އެދޭ މީހާ، ހީވާގިކަމާއެކު، މަސައްކަތް ކުރަންޖެހޭ ކަމަށާއިި ހައްގުގެ ގޮތުގައި ރިޒްގު ހޯދާން މަސައްކަތްކުރާ މީހާ ﷲގެ މަގުގައި ޖިހާދުކުރާ މީހާއާއި އެއް ފަދަ ކަމަށެވެ.

- ކޮމެންޓް