ހަނގުރާމައިގެ ޖަރީމާ ތައް ހިންގުމުގެ ތުހުމަތުގައި ބައިނަލް އަގްވާމީ ކްރިމިނިލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އާއި ނަތަންޔާހޫގެ އަސްކަރީ ކަންކަމާ ބެހޭ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް ނެރެން މަސައްކަތް ކުރާ އަމުރު ގެ ކަންކަން ހުއްޓުވޭތޯ ނުވަތަ އެންމެ ކުޑަވެގެން އަމުރު ލަސް ކުރެވޭތޯ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނުން އިސްވެ އޮވެ އެހެން އިތުރު ފަރާތްތަކުގެ ބައިވެރިވުމާއެކު މަސައްކަތް ކުރަމުންދާ ކަން ހާމަ ވެއްޖެއެވެ.
ބުދަ ދުވަހު އަލް ޖަޒީރާ އިން ހާމަ ކުރި ރިޕޯޓެއްގައިވާ ގޮތުން މި ގައުމުތަކާއި އިތުރު ބައެއް ގައުމުތަކާއި ބައެއް ޖަމާއަތްތައް ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރާއި އެ ގައުމުގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރު ނެރުން ހުއްޓުވޭތޯ ނުވަތަ އެންމެ ކުޑަ މިނުން އެކަން ލަސްކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީ މިފަރާތްތައް ހައްޔަރުވާ ގޮތް ވެއްޖެނަމަ އޭގެ ފަހުން، ނަތަންޔާހޫގެ ސަރުކާރުން ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި އެހީތެރިވެ ދިން ސަރުކާރުތަކާ ދިމާލަށް ނަޒަރު އެނބުރޭ ގޮތް ވެދާނެ އަތީ ކަމަށްވެއެވެ.
ނެދަރލޭންޑްސް ގެ ދަ ހޭގް ގައި ހުންނަ އައިސީސީ އިން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަނިޔާވެރި އަމަލުތައް ދިރާސާ ކުރަމުންދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ ދިރާސާ ކުރަމުންދަނިކޮށް ގާޒާ އަށް ހުސްވި އަހަރުގެ އޮކްޓޯބަރު މަހު 8 ވަނަ ދުވަހު އަރާ ޔަހޫދީ ސިފައިން ފެށި ހަނގުރާމަ އާއެކު ކޯޓުގެ ސަމާލުކަން ދިޔައީ ގާޒާގައި ޔަހޫދީ ސަރުކާރުން ހިންގާ ލާ އިންސާނީ އަމަލުތަކާ ދިމާލަށް ކަން ފާހަގަ ކުރެވެއެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގެ ޕްރޮސެކިއުޓަރުން އެދެން އުޅޭ ވާހަކަ ފުރަތަމަ ހާމަވި އޭޕްރީލް މަހުއެވެ. އެއާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އައިސީސީ އަށް އެކަމުގެ މެންޑޭޓެއް ނޯންނާނެ ކަމަށާއި، ނަތަންޔާހޫ އާއި ގަލަންޓް އާ ބެހޭ ގޮތުން ހިންގާ ތަހުގީގަށް ތާއީދު ނުކުރައްވާ ކަމަށް ބައިޑްން ވިދާޅުވިއެވެ.
މެއި މަހުގެ ތެރޭގައި އައިސީސީގެ ޕްރޮސެކިއުޓަރ ކާރިމް ޚާން ކޯޓުގައި ބުނެފައިވަނީ 8 އޮކްޓޯބަރ 2023 ގެ ފަހުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާ ތަކުގެ ޒިންމާ އިޒްރޭލުގެ ވެރިން ނަންގަވަން ޖެހޭ ކަމުގެ އެކަށީގެންވާ ހެކި ޕްރޮސިކިއުޓަރުންނަށް ލިބިފައިވާ ކަމަށެވެ. އައިސީސީ އިން އިޒްރޭލުގެ ބޮޑު ވަޒީރު ހައްޔަރު ކުރުމުގެ އަމުރަކަށް މަސައްކަތް ކުރަމުންދާއިރު، މިއީ އެމެރިކާގެ މިހާ ގާތް އިސް ވެރިއަކު ހައްޔަރު ކުރުމަށް ކޯޓުން މަސައްކަތް ކުރަމުންދާ ފުރުތަމަ ފަހަރު ކަން ފާހަގަ ކުރެވެއެވެ.