ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އިޒްރޭލުން ގަދަކަމުން ހިފައި ޔަހޫދީން ވަޒަން ކުރުވާފައިވާ އިޒްރޭލުގެ އުތުރުގައި އޮންނަ ޓްޒްރިއެލް މޮޝާވް އަށް ރޮކެޓް ފުންޏެއް އޮއްސާލައިފިއެވެ.
މިއީ 1948 ވަނަ އަހަރު އިޒްރޭލުން ހިފާފައިވާ މި ސަރަހައްދަށް ހިޒްބުﷲ ގެ ހަނގުރާމަވެރިން ހަމަލާދިން ފުރަތަމަ ފަހަރެވެ. ހޯމަ ދުވަހުގެ ރޭ ދިން މި ހަމަލާއަކީ ދެކުނު ލުބުނާނަށް ޔަހޫދީ ދައުލަތުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ ގެ ހަނގުރާމަވެރިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ ޗެނެލް 14 އިން ބުނެފައިވަނީ ޓްޒްރިއެލް މޮޝާވް އަށް ދިން ހަމަލާގައި އެތަނުގެ އިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރ އަށް ގެއްލުން ލިބުނު ކަމަށެވެ.
އިޒްރޭލުގެ މެގަން ޑޭވިޑް އެޑޮމް (އެމްޑީއޭ) އިމަރޖެންސީ ޚިދުމަތުން ބުނީ އިޒްރޭލުގެ ދެމީހުންނަށް އަނިޔާވި ކަމަށާއި އެމީހުން ވަނީ ނަހަރިޔާގައި ހުންނަ ގަލީލީ މެޑިކަލް ސެންޓަރަށް ފަރުވާ ދިނުމަށް ގެންދެވިފައި ކަމުގައެވެ.
ޓްޒްރިއެލް މޮޝާވް ގައި 400 ވަރަކަށް ޔަހޫދީން އިޒްރޭލުން ވަޒަންވެރި ކުރުވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާގެ ކުރިން ހިޒްބުﷲ އިން ވަނީ އިޒްރޭލުގެ މަލްކިޔާ އަސްކަރީ މަރުކަޒަށް ޑްރޯން ހަމަލާ އެއް ދީފައެވެ. މި ހަމަލާގައި އެތަނުގެ ބައެއް ހަލާކުވެ އިމާރާތުގައި ރޯވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިޒްބުﷲ ގެ ހަނގުރާމަވެރިން ވަނީ އަލް-ރިހާބް ގައި ހުންނަ އިޒްރޭލްގެ އަސްކަރީ އައުޓްޕޯސްޓަކަށް ވެސް ހަމަލާދީ އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ހިޒްބުﷲ އިން ބުނެފައިވަނީ ގާޒާގައި ފަލަސްތީނުގެ ރައްޔިތުނަށް ދެމުންދާ އަނިޔާތައް ޔަހޫދީ ދައުލަތުން ހުއްޓާނުލާހާ ހިނދަކު އިޒްރޭލަށް ހަމަލާތައް ދޭނެ ކަމުގައެވެ.