ބާސެލޯނާ އަށް ގަންނަންވީ ނަތީޖާ ނެރެދެވޭނެ ކުޅުންތެރިން ކަމަށް އައު ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ބާސެލޯނާގެ މީޑިއާ ވާހަކަ ދައްކަމުން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނީ އޭނާ އެދެނީ ބާސެލޯނާގެ މެނޭޖްމަންޓުން ވާދަވެރި ޓީމެއް ބިނާކުރުމަށް ކަމަށެވެ.
އަހަރެން ބޭނުންވަނީ ނަތީޖާ ނެރެދޭނެ ކުޅުންތެރިން. އަހަރެން މިކުލަބާ ހަވާލުވި ފުރަތަމަ ދުވަހު ފާހަގަ ކުރެވުނު މި ކުލަބުން ކުރިއަށްދާން ބޭނުންވާވަރު ރައީސާ ހިސާބުން ފެށިގެން އެންމެ އާދާއިގެ މީހާ ވެސް ކާމިޔާބު ހޯދަން ބޭނުންވާ ވަރު ފެނުނު. އޭގެ ސަބަބުން ވަރަށް އުފާވި.ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ޖަރުމަނުގެ ގައުމީ ކޯޗުކަން ވެސް ކުރި ފްލިކް ބުނީ ބާސެލޯނާގެ ލަމާސިއާ އެކަޑަމީގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެކުޅުންތެރިން ކުރިއަރާނެ ކަމަށް އޭނާ ޝައްކުނުކުރާ ކަމަށެވެ.
ނަމަވެސް ފްލިކް ބުނީ ނަތީޖާ އަކީ އެންމެ މުހިންމު ކަންތައް ކަމަށާއި ތަށި ހޯދޭނީ އެހެން ޓީމުތައް ވަރުގަދަ ކުރާ އުސޫލުން ބާސެލޯނާގައި ވެސް މޮޅު ކުޅުންތެރިން ތިބެގެން ކަމަށެވެ.
އާ ސީޒަނަށް ބާސެލޯނާއިން ގަތުމަށް މަސައްކަތް ކުރަނީ ސްޕޭނުގެ ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ނިކޯ ވިލިއަމްސް އާއި ޑެނީ އޮލްމޯ އެވެ. މި ދެ ކުޅުންތެރިންނާއެކު އަނގަބަހުން އެއްބަސްވެފައިވީ ނަމަވެސް އަންނަ ހަފުތާ އަށް މިވިޔަފާރި ނިންމަން މަޑުޖައްސާލަން ޖެހުނީ ބާސެލޯނާ އަށް ފައިސާ ހަމަނުޖެހުމުންނެވެ.