ރާއްޖޭގައި އިންތިޚާބެއް ކުރިއަށް ގޮސް ނިމި ނަތީޖާ އަންނަ ހިސާބުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާ ވާހަކައެވެ. ކަންބޮޑުވާ މިންވަރަށް ވޯޓާސްޓާންއައުޓް ދަށްވާ ވާހަކައެވެ. އެކަމުގެ ކަންބޮޑުވުންތައް ކަމާގުޅުންހުރި މުއައްސަސާތަކުން ކުރި ނަމަވެސް މިއަދާ ހިސާބަށް އައިރު ވެސް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވެއެވެ. އެކަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަ-ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ވެސް ވަނީ ފެނިގެން ގޮސްފައެވެ.
މިމަހުގެ 20 ވީ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވި ދާއިރާތަކަކީ ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ހުޅުމާލެ ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި އަދި ބިލެތްދޫ ކައުންސިލްގެ ރައީސް އެވެ. ވޯޓުލުމުގެ ހައްގު 13112 މީހުންނަށް ލިބިގެންވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 26.91 އިންސައްތަ މީހުންނެވެ. ޖުމްލަ 3528 މީހުން ވޯޓުލާފައިވާއިރު، އެއީ އަންހެން 1647 މީހުން، ފިރިހެން 1881 މީހުންނެވެ. މުޅި ޖުމްލަ ވޯޓުނުލާ މީހުންގެ އަދަދަކީ 9584 އެކެވެ. އެއީ 73.09 އިންސައްތައެވެ.
މިނަތީޖާއިން ދައްކާގޮތުން މި އިންތިޚާބަށް ރައްޔިތުންގެ ތަރުހީބު ވަރަށް ކުޑަކަން މިވަނީ ހާމަވެފައެވެ. ގިނަ ބަޔަކު ހައްގުގެ ބޭނުން ހިފާއިނުވާތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ ފާހަގަކޮށްފައެވެ. އިތުބާރު ކުޑަވުމާއި، ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނުނިކުންނަ ކަންކަމުގައި ރައްޔިތުންގެ ޝައުގުވެރިކަން އަބަދުވެސް ކުޑަ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ވެސް މިދިމާވީ މިސަބަބުތައް ކަމަށް ވެސް ވެދާނެއެވެ.
ރާއްޖެއެމްވީއަށް އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުރިހާ އިންތިޚާބެއްގައި އުންމީދުކުރާ ހިލާފަށް ވޯޓާސް ޓާންއައުޓް ދަށްވަމުންދާ ކަމަށެވެ. އެ ޓްރެންޑް ފާއިތުވެދިޔަ އިންތިޚާބުތަކުގެ ނަތީޖާއިން ފެނިފައިވާ ކަމަށެވެ. ހަަސަން ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދު ކަމަށެވެ. އަދި ޚާއްސަކޮށް ބައި-އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.
އީސީން ވަނީ މިމައްސަލަ 19 ވަނަ ރަައްޔިތުންގެ މަޖިލީހާއި 20 ވަނަ މަޖިލީހުގައި ހިއްސާކޮށް، ކޮމިޝަންގެ ހިޔާލު ދީފައެވެ.
އެގޮތުން ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް ކައުންސިލްތައް އެކުލަވާލާ ނިޒާމަށް ބަދަލު ގެނެސް ރާއްޖޭގައި އެކަން ކުރުމަށް އިރުޝާދު ދީފައިވެއެވެ. އެއީ އިލްމީ ގާބިލް ބޭފުޅުންނަށް ފުރުސަތު ދިނުމާއި، ސްކޫލުތަކާއި، ސިއްހީ މަރުކަޒު ނުވަތަ އެހެންވެސް އިދާރާތަކުގައި މަސައްކަތް ކުރާ އިލްމީ ބޭފުޅުންނަށް އެވަޒީފާތަކުގައި އުޅުނު ނަމަވެސް ކައުންސިލަށް ކުރިމަތިލެވޭ ގޮތަށް ފުރުސަތު ދިނުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސިޔާސީ ޕްރެޝަރު، މުސާރައަށް ބަދަލުތައް ގެނައުމަށް ވެސް ކޮމިޝަނުން ވަނީ ހިޔާލު ހުށަހަޅާފައެވެ.
ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވާ ސީދާ ސަބަބު ހޯދުމަށް އީސީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން އިލްމީ ދިރާސާއެއް ކުރާނެ ކަމަށާއި، އެމަސައްކަތް ކުރުމަށް ބޮޑު ފަންޑެއް ބޭނުންވެއެވެ. އެކަމަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވެފައިވަނީ ގައުމީ ދިރާސާއަކަށްވާތީ އެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެމަސައްކަތް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އެގޮތުން ފަންޑު ހޯދުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.
އިލްމީ ދިރާސާއެއް ނުހަދައި އަޅުގަނޑުމެންނަށް ސީދާ މިވެނި ކަމެއް ވެގެންނޭ ވޯޓާސް ޓާންއައުޓް ދަށްވަނީ ބުނެވޭކަށް ނެތް. ދިރާސާ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެމަޝްވަރާތައް ވެސް މިދަނީ ކުރަމުން. އިލްމީ ދިރާސާއަށްފަހު ސީދާ ސަބަބު އަޅުގަނޑުމެންނަށް ވެސް ހާމަކުރެވޭނީއީސީގެ މެންބަރު ހަސަން ޒަކަރިއްޔާ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި، ރައްޔިތުން މަޖިލިސް އިންތިޚާބު އެއްކޮށްލަން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ރައްޔިތުން އެދޭ ފަދަ ރަނގަޅު ބަދަލެއް އަތުވެއްޖެކަމުގައިވާނަމަ ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފާނެ ކަމާމެދު ޝައްކަތްނެތެވެ. ރައްޔިތުން ބޭނުންވަނީ އިތުބާރު ހިފޭ ނިޒާމެކެވެ. ރައްޔިތުންނަށް ޚިދުމަތްކުރާ ނަތީޖާ ނެރެވޭނެ ކައުންސިލްތަކެކެވެ. އެ ކައުންސިލްތަކަކީ ބޭކާރު ނުވަތަ ރައްޔިތުންގެ މަސްލަހަތަށް އިހުތިރާމުނުކުރާ ކައުންސިލްތަކެއް ކަމަށްވާނަމަ ގިނަ ރައްޔިތުންނަށް ލިބިފައިވާ އެ ހައްގު ބޭނުމެއް ނުކުރާނެއެވެ.