ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 22:26
ބަންގްލަދޭޝްގައި މުޒާހަރާ ކުރާ މީހުން، ދުވަހެއް ދުވަހަކަށް މުޒާހަރާތައް ދަނީ ހޫނުވަމުން
ބަންގްލަދޭޝްގައި މުޒާހަރާ ކުރާ މީހުން، ދުވަހެއް ދުވަހަކަށް މުޒާހަރާތައް ދަނީ ހޫނުވަމުން
ރޮއިޓާސް
ބަންގްލަދޭޝްގެ ވަޒީފާ ކޯޓާގެ ބޮޑުބައެއް އުވާލުން
މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ވަޒީފާގެ ކޯޓާގެ ބޮޑު ބައެއް ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުން އުވާލައިފި
ކޯޓުގެ ނިންމުމަށް މުޒާހަރާގެ އިސް ބައެއް ފަރާތްތަކުން މަރުހަބާ ކިޔާ ކަމަށް ބުނި ނަމަވެސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ވަޒީފާގެ ކޯޓާ އާ ދެކޮޅަށް ބަންގްލަދޭޝްގެ ޔުޔިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، އެންމެ ފަހުން ވަޒީފާގެ ކޯޓާގެ ބޮޑު ބައެއް ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުން އުވާލައިފިއެވެ.

ކޯޓުން ނިންމި ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ރިޒާވް ކުރެވޭނީ ސަރުކާރު ވަޒީފާތަކުގެ ފަހެއް އިން ސައްތަ އެވެ.

ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްގު ވިދާޅުވީ، ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ކޯޓުގެ މި ނިންމުމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުން އަމަލު ކުރާނެ ގޮތެއް އަދި ސާފުވެފައި ނުވި ނަމަވެސް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރަކު އޭއެފްޕީ އާ ވާހަކަ ދައްކަމުން ބުނެފައިވަނީ މުޒާހަރާ ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ބުނެފައިވަނީ، ސްޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެހެން ނަމަވެސް ދަރިވަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ނުދެނީސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ.

ވަޒީފާގެ ކޯޓާ އާ ދެކޮޅަށް ބަންގްލަދޭޝްގެ ޔުޔިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާގެ ތެރެއިން - އީޕީއޭ

މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުޒާހަރާގެ ބައެއް ލީޑަރުން ވަނީ ހައްޔަރު ކޮށްފައެވެ.

އަނެއްކޮޅުން ބަންގްލަދޭޝްގައި ކާފިއު ހިންގާފައި ވުމާއެކު ވެރިރަށް ޑާކާ ގެ މަގުތައް މި ދިޔަ ދެ ދުވަހު މައިގަނޑު ގޮތެއްގައި ހުސްކޮށް ފެނުނު ނަމަވެސް ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަމަނުޖެހުންތަކުގައި 115 މީހުން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. ހަމަ ނުޖެހުންތައް އެންމެ ބޮޑުވި މިދިޔަ ހުކުރު ދުވަހު އެކަނި 50 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ވަޒީފާތަކުގެ 93 އިންސައްތަ ދޭންޖެހޭނީ މެރިޓް އުސޫލުންނެވެ. މިނިވަން ކަމުގެ ހަނގުރާމައިގެ ބައިވެރިންގެ އާއިލާތަކަށް ކަނޑައަޅަންވާނީ ވަޒީފާތަކުގެ 5 އިން ސައްތަ ކަމަށާއި ބާކީ 2 އިން ސައްތަ އަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ ވަޒީފާތަކުގެ ގޮތުގައި ހަމަޖެއްސުމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

ވަޒީފާގެ ކޯޓާ ނިޒާމް ޝޭޚް ހަސީނާގެ ބޮޑުވަޒީރު ކަމުގައި 2018 ވަނަ އަހަރު އުވާލާފައި ވަނިކޮށް، ކޯޓާ ސިސްޓަމް އަލުން އިއާދަ ކުރީ ހުސްވި މަހު ދަށު ކޯޓަކުން އެ ނިންމުން ބަދަލު ކުރުމާ ގުޅިގެންނެވެ. ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާތައް ފެށުނީ ކޯޓުގެ އެ ހުކުމާ އެކީގައެވެ.

ބަންގްލަދޭޝްގެ ދަރިވަރުން އެ ގައުމުގައި ފެށި މުޒާހަރާ ފުޅާވެ، އިނގިރޭސި ވިލާތުގައި އަދި އެމެރިކާގައި ކިޔަވަން ތިބި ބަންގްލަދޭޝްގެ ދަރިވަރުން ވެސް ވަނީ އެ ގައުމުތަކުގައި މުޒާހަރާ ކޮށްފަ - އޭޕީ

މުޒާހަރާ ކުރި ދަރިވަރުންނާ ކުރިމަތި ލުމުގައި ފުލުހުންގެ ހަރުކަށިކަން ހުރި ގޮތުންނާއި، ކުރިމަތިލުން ތަކުގައި ފުލުހުން ބަޑިޖަހާ އެތައް ބަޔަކު މަރުވެފައިވުމާއި، މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މި ހުކުމާއެކުވެސް ބަންގްލަދޭޝްގެ މަސްރަހު އަވަހަށް ހަމަޖެހިގެން ހިނގައިދާނެ ކަމަށް ނުފެންނަ ކަމަށް ބައެއް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ބާރަށް އިގްތިސާދު ކުރިއަރާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ހިމެނިފައިވީ ނަމަވެސް ވަޒީފާތައް ލިބުމުގައި އަލަށް ޔުނިވަރސިޓީ ތަކުން ގްރެޖުއޭޓް ވާ ދަރިވަރުންނަށް އެކަން ނުފެންނަ ކަމަށް ދަރިވަރުން ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބަންގްލަދޭޝްގެ 18 މިލިއަން އަށް ވުރެ ގިނަ ޒުވާނުން ތިބީ ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައެވެ.

ވަޒީފާގެ މައްސަލައިގައި ބަންގްލަދޭޝްގައި ޔުނިވަރސިޓީ ދަރިވަރުން މުޒާހަރާ އަށް ނުކުތް އިރު އެމީހުން ބުނެފައިވަނީ، އެ ގައުމުގައި އަމަލު ކުރާ ކޯޓާ ސިސްޓަމްގެ ފައިދާ ލިބެނީ ވެރިކަން ކުރާ ޕާޓީގެ އިސްފަރާތްތަކާ ގުޅުން އޮންނަ މީހުންނަށް ކަމަށެވެ. ސަރުކާރުން ވަނީ މިކަން ދޮގު ކޮށްފައެވެ.

ބަންގްލަދޭޝްގެ ދަރިވަރުން އެ ގައުމުގައި ފެށި މުޒާހަރާ ފުޅާވެ، އިނގިރޭސި ވިލާތުގައި އަދި އެމެރިކާގައި ކިޔަވަން ތިބި ބަންގްލަދޭޝްގެ ދަރިވަރުން ވެސް ވަނީ އެ ގައުމުތަކުގައި މުޒާހަރާ ކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް