ދެކުނު ލުބުނާނަށް ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ބޮން އަޅައިފިއެވެ.
އިޒްރޭލުން ބޮން އެޅީ އިޒްރޭލް-ލުބްނާން ބޯޑަރާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ލުބްނާންގެ އަދްލުން ސިޓީ އަށް ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.
ރޮއިޓާސް އިން ބުނީ ބޮން އެޅުމާއެކު ބާރުގަދަ އަޑުފައްގަނޑާއެކު ސަރަހައްދުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ.
ހަމަލާގައި އާންމުންގެ ހަތަރު މީހުން ޒަޚަމްވި ކަމަށް ލުބުނާންގެ އަސްކަރިއްޔާ އާ ހަވާލާ ދީ ރޮއިޓާސް އިން ބުނެފައިވެއެވެ.
ދެކުނު ލުބްނާނަށް ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން ވަނީ ހޮނިހިރު ދުވަހުގެ ރޭ ޔަމަން ގެ ޕޯޓް ސިޓީ ހުދައިދާ އަށް ހަމަލާ ދީފައެވެ. އެއާ އެކު ލުބުނާންގެ ހިޒްބުﷲ އިން ބުނެފައިވަނީ ސަރަހައްދުގައި "ހަނގުރާމައިގެ އައު އަދި ނުރައްކާތެރި މަރުހަލާއެއް ފެށުނީ،" ކަމުގައެވެ.
ޔަމަން އަށް އިޒްރޭލުން ހަމަލާދިނީ އިޒްރޭލްގެ އިގްތިސާދީ ނާރެސް ކަމުގައިވާ ތެލް އަވީވް އަށް ހުކުރު ދުވަހު ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.