ރެއާލް މެޑްރިޑްގެ ކާމިޔާބު ކޯޗް ޒައިނުއްދީން ޒިދާންގެ އެއްބަސްވުން ރެއާލް މެޑްރިޑާ އެކު އާ ކޮށްފި ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ މީޑިއާއިން ބުނާ ގޮތުން ރެއާލް މެޑްރިޑުގެ އެއްބަސްވުން ޒިދާން އާކުރީ އިތުރު ތިން އަހަރު ރެއާލްގައި މަޑުކުރާ ގޮތަށެވެ. އެހެން ކަމުން 2020 ވަނަ އަހަރާ ހަމައަށް ރެއާލްގައި ޒިދާން މަޑުކުރާނެ ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ.
ޒިދާން ސޮއި ކުރި ކަމަށް ސްޕއެިންގެ މީޑިއާތައް ބުނި ނަމަވެސް އެ ކުލަބުން އެކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓް ބުނާ ގޮތުން ރެއާލުން ޒިދާންގެ ކޮންޓްރެކްޓް އާ ކުރި ވާހަކަ އިއުލާން ކުރާނީ ސްޕެނިޝް ލީގް އާ ސީޒަން ފެށުމުންނެވެ.
ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމުގައިވާ "އޭއެސް" އިން ރިޕޯޓް ކުރާ ގޮތުގައި ޒިދާންގެ އެއްބަސްވުން ރެއާލްއާ އެކު އާކުރީ ކުރިޔަށް ވުރެ ޒިދާންގެ މުސާރަ ދެގުނަ ބޮޑުކޮށެވެ. އެގޮތުން ޒިދާން އަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ އަހަރަކު 4.35 މިލިއަން ޔޫރޯ ކަމަށާއި އެހެން ނަމަވެސް މި އެއްބަސްވުމުގެ ދަށުން، ޒިދާންގެ މުސާރަ އަހަރަކު އަށް މިލިއަން ޔޫރޯ އަށް ބޮޑުވެގެން ދާނެއެވެ.
ޒިދާން ވަނީ ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން މިހާތަނަށް ރެއާލް އަށް ހަ ތަށި ހޯދައިދީފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ސްޕެނިޝް ލީގު އެއްފަހަރު އަދި ކުލަބު ވޯލްޑްކަޕް ދެފަހަރު އަދި ޔޫއެފާ ސުޕަކަޕް އެއްފަހަރު ރެއާލްއަށް ހޯދައިދީފައި ވެއެވެ.