Advertisement
ކ. މާލެ
|
20 ޖުލައި 2024 | ހޮނިހިރު 15:37
ބޮޑުކަންނެލީގެ މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ބޮޑުކަންނެލީގެ މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަސްވެރިންނަށް ދަތިކުރުން
ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަނޭ: ޔާމީން
މަސްކިލޯއެއް ގަންނަ އަގު ވަނީ ދަށްކޮށްފައި
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ގަރުދިޔަކޮޅެއް ކާން ލިބޭނެ ކަމާމެދު ވެސް ސުވާލު އުފެދޭ
މިފްކޯގައި މަހެއް ނެތް

ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފް ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ މަސްވެރިންގެ ހައްގުތަކަށް މިސަރުކާރުން އަރައިގަނެފައިވާ ކަމަށް ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ހައްގު ހޯދުމަށް ނުކުންނަ މީހުން ފުލުހުންނަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ޖަލަށް ނުލާ ކަމަށާއި، ނަމަވެސް ބާނާ މަސް ކުށްވެރިވާ ކަމަށެވެ. އެގޮތުން މުޒާހަރާއަށް ނުކުންނަ މަސް ދޯނިތަކުން ބާނާ މަސް މިސަރުކާރުން ނުގަންނަ ކަމަށް ޔާމީން ވިދާޅުވިއެވެެ. އަދި މިސަރުކާރުގެ ސިޔާސަތު މިހައި ދަށަށް ދިއުމުން ރައްޔިތުންނަށް ގަރުދިޔަ ކޮޅެއް ކާންލިބޭނެ ކަމާމެދު ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement

ޔާމީން ވިދާޅުވީ މިފްކޯގައި މަސް ނެތް ކަމަށާއި، ރޯމަސް ކިލޯއެއްގެ އަގުހުރީ 80 ރުފިޔާއަށްވުރެ މަތީގައި ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައީ މަސްވެރިންގެ ހައްގުތައް ހޯދައި، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދޭނެ ކަމުގެ ވައުދުފުޅާއެކުއެވެ. ނަމަވެސް މަހުގެ ކިލޯ ގަންނަ އަގުދަށްކޮށް، ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށާއި، ތެޔޮ އަގުބޮޑުވުމާއެކު ގިނަ ދޯނިތައް މަހަށް ނުފުރާ ކަމަަށް ޔާމީން ވިދާޅުވިއެވެ.

ގަރުދިޔައާ ބަތާ އަޅުގަނޑުމެންނަށް ކެވޭނީ ވެސް މަސް ބޭނިގެން ތެދެއްތޯ. މިދޭތެރެއިން މިދިޔައީ ބާނާ މަސް ގާތްގަނޑަކަށް 38 ޕަސެންޓް ކިރުން ކުޑަވެގެން މިިދިޔައީ. ރޯމަސް މިގަންނަނީ 14 ރުފިޔާއަށް ކިލޯއެއް. އައިސް މަސް ވެއްޖެއްޔާ 15 ރުފިޔާއަށް ކިލޯއެއް. އެތައް ބަައިވަރު ދޯނި ފަހަރެއް ތެލުގެ އަގު ބޮޑުވުމާއެކު މަހަށް ނުފުރާ އެހުރީ. މިއަދު މިފްކޯގައި މަހެއް ނެތް. ރޯމަސް ކިލޯއެއްގެ އަގުހުރީ 80 ރުފިޔާއަށްވުރެ މަތީގައި. ކުކުޅު ކިލޯއެއްގެ އަގު މިއުޅެނީ 40 ރުފިޔާ. އެހެންވީމަ މިސަރުކާރުން މަސައްވެރިކަމަށް މިގޮތަށް އިހުމާލުކޮށްލާފައި އަދި މަސްވެރިންގެ ހައްގުތައް ހޯދަން ވަކާލާތުކޮށް އިހްތިޖާޖު ކުރާ މީހުންނާ ދޭތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން އިހްތިޖާޖުކުރާ މީހުންނާ ދޭތެރޭގައި އެދޯނި ފަހަރުން ބާނާ މަސް ކުށްވެރިވަނީ. މަހެއް ނުގަނޭ. އެމީހުން ޖަލަކަށް ނުލާ. މަސް ނުގަންނަނީ. މަސް ކުށްވެރިވީތާ. އެހެންވީމަ އެހިސާބަށް ސަރުކާރު ސިޔާސަތު ދިޔާމަ އެނގޭތޯ. އެ ހިސާބަށް ސަރުކާރުގެ ސިޔާސަތު ދިޔާމަ ދެން ވަކި ގަރުދިޔަ ކޮޅެއް ކާން ލިބޭނެހޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ހައްގު ހޯދުމަށް މުޒާހަރާ ކުރާ މަސްވެރިން ދޯނިތަކުން މިސަރުކާރުން މަސް ނުގަންނަ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، މިފަހުން ގިނަ ބޮޑުކަންނެލި މަސްވެރިންގެ މާލެ އަދި ހުޅުމާލޭގައި މުޒަހާރާކޮށްފައެވެ. އަދި އައްޑޫ ސިޓީ މަސްވެރިންނާއި ކުޑަހުވަދޫ މަސްވެރިން ވަނީ ސިލްސިލާ މުޒަހާރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މަސްވެރިން ކިރުވާ މަހުގެ ފައިސާ ލިބެނީ ވެސް މުޒާހަރާކޮށްގެން ކަމަށް މަސްވެރިން ބުނެއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި މި ރާއްޖެ އައި އެންމެ ހުދުމުހުތާރު ވެރިކަން ކަމަށް އައްޑޫގައި މުޒާހަރާ ކުރި މަސްވެރިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް