ބަންގްލަދޭޝްގައި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާ ހޫނުވެ، ފުލުހުންނަށް ކޮންޓްރޯލު ނުވުމުން، ކާފިއު ހިންގާ، މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލައި، އަސްކަރިއްޔާ އިން މަގުތަކަށް ނުކުމެއްޖެއެވެ.
މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުން ތަކުގައި 105 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 52 މީހުން މަރުވެފައިވަނީ ވެރިރަށް ޑާކާ ގައި ހިނގި ކުރިމަތިލުން ތަކުގައި ކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވެއެވެ.
ގިނަ މީހުން މަރުވީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެފައިވެއެވެ.
ބަންގްލަދޭޝް ގައި ހިނގި ކުރިމަތިލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓޫކް ވަނީ ބަޔާނެއް ނުރެއްވާފައެވެ.
ބަޔާނުގައި، އިހްތިޖާޖު ކުރި ދަރިވަރުންނަށް ދިން ނުރައްކާތެރި ހަމަލާ ތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ހަމަލާ ތަކާ ބެހޭ އަވަސް ތަހުގީގެއް ހިންގާ ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުމަށް ގޮވާލާފައިވެއެވެ.
ހަމަ ނުޖެހުންތަކާ އެކު 15 އަހަރުގެ ދިގު މުއްދަތެއްގައި ބޮޑު ވަޒީރު ކަމުގައި ހުންނެވި ޝެއިޚް ހަސީނާގެ ސަރުކާރަށް ވަނީ ޕްރެޝަރ ބޮޑުވެ، ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރާ މަޝްވަރާ ނުކުރާނެ ކަމަށާއި، ޝެއިޚް ހަސީނާ ޖެހިވަޑައިގަންނަވާނީ ވަގުތުން އިސްތިއުފާ ދެއްވަން ކަމަށެވެ.
ކާފިއު ހިންގުމަށް ފަހު އަސްކަރިއްޔާ މަގުތަކަށް ނެރެން ސަރުކާރުން ނިންމި އިރު، ފުލުހުން ވަނީ އޭގެ ކުރިން އެއްވުންތަކާއި ބައްދަލުވުން ތައް ޑާކާ ގައި ބޭއްވުން މަނާ ކޮށްފައެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ އިންޓަރނެޓް އާއި ފޯނުގެ ޚިދުމަތް ހުއްޓުމަކަށް ގެނެސްފައެވެ.
މިހުރިހާ ފިޔަވަޅު ތަކާއެކުވެސް ހަމަ ނުޖެހުންތައް ކުރިއަށް ދާ ކަމަށް އޭއެފްޕީ އިން ބުނެއެވެ.
މުޒާހަރާގެ އިސްފަރާތްތަކުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން މަރުވި މީހުންގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށާއި، ފިޔަވަޅު ތައް އެޅި ނަމަވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުން ބަންދު ކޮށްފައި ތިބި ޖަލެއް ފަޅާލާ ބަންދުގައި ތިބި އެންމެން ނެރުމަށް ފަހު ޖަލުގައި ވަނީ ހުޅު ޖަހާފައެވެ.
ޔުނިވަރސިޓީ ދަރިވަރުން އިންތިޒާމް ކޮށްގެން ސުލްހަވެރި ކަމާއެކު ފެށި މުޒާހަރާ އަކީ އެ ގައުމުގައި ވަޒީފާ ދިނުމުގައި ވަކި ބަޔަކަށް އޮންނަ ކޯޓާ އުވާލަން ގޮވާލާ ބޭއްވި މުޒާހަރާއެކެވެ.
އޭއެފްޕީ އިން ބުނާ ގޮތުގައި ބޮޑު ވަޒީރު ޝޭޚް ހަސީނާ ދިރިއުޅުއްވާ ގެކޮޅު އަސްކަރިއްޔާ އިން ބަލަހައްޓައި ދިނުމަށް ސަރުކާރުން ވަނީ އަސްކަރިއްޔާގައި އެދިފައެވެ.
ބަންގްލަދޭޝްގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހަމަ ނުޖެހުން އިތުރަށް ހިނގާނަމަ ގާނޫނުގެ ބޭނުން ހިފޭނެ އެންމެ މައްޗަށް ހިފާނެ ކަމަށެވެ.